ރާއްޖެ އަކީ ކުޑަ ގައުމަކަށް ވިޔަސް ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިންގެ އަޑު މިހާރު މަޑު ނޫންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ސާބޮތުކޮށް ދެއްވާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އދ. އާންމު މަޖިލީހުގައި ރައީސް ރޭ ދެއްވި ތަގުރީރުގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ނިސްބަތުން ގައުމު ކުޑަވެފައި މީސްކޮޅު މަދަސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑު މަޑުނޫންކަން ދުނިޔޭގެ އެންމެ އުސް ސްޓޭޖުގައި ހުންނަވައިގެން ދިވެހީންގެ ރާއްޖޭގެ ރައީސް އެ ސާބިތުކޮށް ދެއްވާފައިވާ ކަމަށެވެ.
"ރައީސްގެ ހަރުދަނާ ސިޔާސަތާ މާދަމާއަށް ކުރައްވާ އުންމީދާ ދުނިޔެ މިއަދު ކުރިމަތިލާން ޖެހިފައިވާ ބޮޑެތި މައްސަލަތަކަށް އަލި އަޅުވާލެއްވީ ހުއްޖަތާ ދަލީލުތައް ދައްކަވާ ދިވެހީން ފަޚުރުވެރިކުރުވަމުން،" އޭނަ ވިދާޅުވި އެވެ. "ތަހުނިޔާ ރައީސް."
ނިސްބަތުން ގައުމު ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑު މަޑުނޫންކަން ދުނިޔޭގެ އެންމެ އުސް ސްޓޭޖުގައި ހުންނަވައިގެން ދިވެހީންގެ ރާއްޖޭގެ ރައީސް އެ ސާބިތުކޮށްދެއްވީ. ރައީސްގެ ހަރުދަނާ ސިޔާސަތާ މާދަމާއަށް ކުރައްވާ އުންމީދާ ދުނިޔެ މިއަދު… pic.twitter.com/GThMZcR8bI
— Abdul Raheem Abdulla (@Banafsaa) September 24, 2024
ރައީސްގެ ރޭގެ ތަގުރީރުގައި ވިދާޅުވީ ކޮންމެ ދުވަހަކު އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ގެތަކާއި ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި އިންސާނީ ޚިދުމަތްދޭ ތަންތަން ސުންނާފަތި ކުރަމުންދާ ކަމަށާއި އަދި ތަކުރާރުކޮށް، ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން މަރަމުންދާ ކަމަށެވެ. އަދި އިޒްރޭލުގެ މި ޖަރީމާތައް ދުނިޔެ އަށް އިހުސާސް ނުކުރެވިގެން އުޅެނިކޮށް ލުބުނާންގައި އަނެއްކާ އިޒްރޭލުން އެތައް ސަތޭކަ މީހުންނެއް މަރައިލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެ މީހުންގެ ރުއިމުން އިންސާނިއްޔަތުކަން ހުރި ކޮންމެ މީހަކަށް ވެސް އަސަރުކުރާނެ ކަމަށާއި އިޒްރޭލުން ހަނގުރާމަ ކަވަރުކުރަން އުޅޭ ނޫސްވެރިން ގަތުލުކޮށް ހުރަސް އަޅަނީ ޖަރީމާތައް ދުނިޔެ އަށް ފޮރުވުމުގެ ބޭނުމުގައި ކަމަށެވެ.
"މި ޓެރަރިޒަމްގެ އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވަން ޖެހޭ" ރައީސް ވިދާޅުވި އެވެ.