މި އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އިން ގެނެސްދިން "ބަކްޝަކް" އަށް ފަހު، ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓައިންމަންޓުން ޕްރޮޑިއުސްކުރާ އިތުރު ފިލްމަކުން ބަތަލާ ބޫމީ ޕިޑްނޭކަރަށް ފުރުސަތު ލިބިއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމަކީ ވެސް ފެބްރުއަރީގައި ގެނެސްދިން "ބަކްޝަކް" ގެ ޑައިރެކްޓަރު ޕުލްކިތު ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. ނަމަވެސް މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ދާދި ފަހުން ޕުލްކިތު ވަނީ އެކްޓަރު ރާޖްކުމާރު ރާއޯ ހިމަނައިގެން ހަދަން ނިންމި ފިލްމެއް އިއުލާންކޮށްފަ އެވެ. އެއީ ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރު ގޭންގްސްޓާރެއްގެ ރޯލު ކުޅެން ހަމަޖެހިފައިވާ "މާލިކް" އެވެ.
ޝާހްރުކް ޕްރޮޑިއުސްކުރާ އިތުރު ފިލްމަކުން ފުރުސަތު ލިބުމާ ގުޅިގެން ބޫމީ ބުނީ އަބަދު ވެސް "ކިންގް ޚާން" ހިއްސާވާ އެެއްޗެއްގައި މަަސައްކަތް ކުރުމަކީ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެގޮތުން "ބަކްޝަކް" އަށް ފަހު، އަނެއްކާ ވެސް އޭނަގެ ޕްރޮޖެކްޓަކުން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.
ބޫމީގެ ކުރިއަށް އޮތް ޕްރޮޖެކްޓްތަކުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ސީރީޒް "ދަލްދަލް" އާއި ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ސީރީޒް "ދަ ރޯޔަލްސް" ހިމެނެ އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2015 ގެ "ދަމް ލަގާ ކޭ ޙައިޝާ" އިން ބޮލީވުޑަށް ނުކުތް ބަތަލާ ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޓޮއިލެޓް: އޭކް ޕްރޭމް ކާތާ"، "ޝުބް މަންގަލް ސާވްދާން"، "ބާލާ"، "ޕަތީ ޕަތުނީ އޯރް ވޯ" އަދި "ތޭންކް ޔޫ ފޯ ކަމިން" ހިމެނެ އެވެ.