އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް މިހާރު ކަރަންޓް ކެނޑޭ މައްސަލަ ދިމާވެފައި ވަނީ ކޭބަލްތަކަކަށް ގެއްލުންވެފައި ހުރެގެން ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ފެނަކައާ ހަވާލާދީ އޭނަ ވިދާޅުވީ ގަމަށް ކަރަންޓް ދޭން އަޅާފައި އޮތް ހައި ވޮލްޓޭޖް ކޭބަލެއްގެ އިތުރުން ހިތަދޫގެ ކޭބަލަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ. އަދި މިގޮތަށް ދިމާވެފައި ވަނީ އައްޑޫގެ މަގުތައް ހަދަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރޭގައި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
އޭނަ ފާހަގަކުރެއްވި ގޮތުގައި މަގުގެ މަސައްކަތްތައް ކިރުމުގެ ތެރޭގައި ކޭބަލްތަކަށް ގެއްލުންވެ އެކަން ފާހަގަވާން ފަށަނީ މާ ފަހުން ކަމަށެވެ. އެހެންވެ އެކަމާ ގުޅިގެން ކަރަންޓްގެ ހިދުމަތަށް ބުރޫ އަރަަމުން ދަނީ ކަމަށެވެ. މީގެ ދެ ދުވަސް ކުރިން މެންދަމު އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑި ގިނަ އިރުތަކެއްވެފައިވެ އެވެ. އަދި އިއްޔެ އަނެއްކާ ވެސް އެކި ގަޑިތަކުގައި ކަރަންޓް ކެނޑި، ކަރަންޓް ނުލިބި އެތައް ވަގުތެއް އާންމުން ބޮޑު ތަކުލީފެއްގެ ތެރޭގައި އުޅެން ޖެހުނެވެ.
މޭޔަރު ވިދާޅުވީ ކޭބަލްތަކަކަށް ގެއްލުންވެފައި ހުރި ދިމަދިމާ އަދިވެސް އެއްކޮށް ފާހަގަ ކުރެވިފައި ނުވާތީ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދެމުން އަންނަ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތައް ވަގުތީ ގޮތުން "ފެއިލްކޮށްލަން" ޖެހިފައި ވަނީ ކަމަށެވެ.
ނަމަވެސް މިކަމަށް އެކަށީގެންވާ ހައްލެއް ހޯދަންް ފެނަކައިގެ މުޅި ޓީމް ބުރަކޮށް މަސައްކަތް ކުރަމުން އަންނަކަން މޭޔަރު ފާހަގަކުރެއްވި އެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓްގެ ކެނޑުމަކީ ވަރަށް އާންމު ކަމެކެވެ. އެހެންވެ މިކަމަށް ދާއިމީ ހައްލެއް ވީހާ ވެސް އަވަހަކަށް ހޯދައި ދިނުމަށް މޭޔަރު ސަރުކާރަށް ގޮވާލައްވާފައިވެ އެވެ.