ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ހައިބަތު އެންމެ ބޮޑަށް ދައްކާލަދޭ ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާންދިނުން ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު ކަމަކަށް ވެފައިވަނިކޮށް ކޮތަރުތަކުގެ ސަަބުަބުން އެސަރަހައްދުގެ އިމާރާތްތައް ހަޑިވާކަމުގެ ޝަކުވާލިބެމުންދާ ކަމަށް ބުނެ ކޮތަރުތައް އެހެން ސަރަހައްދަކަށް ޑައިވާޓުކުރުމަށް ކަމަށް ބުނެ މިއަހަރުގެ އެޕްރީލް މަހު ހައުސިން މިނިސްޓްރީ އިން ވަނީ ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާންދިނުން މަނާކޮށްފައެވެ.
ކޮތަރަށް ކާންދނުން މަނާކުރުމާއި އެކު ސޯޝަލް މީޑިޔާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެގެން ގޮސްފައިވާއިރު އެއްބަޔަކު ތުހުމަތު ކޮށްފައިވަނީ ސަރުކާރުގެ އިސްވެރިން ޤަބޫލުކުރާގޮތުގައި ކޮތަރު މެދުވެރިކޮށް އިދިކޮޅު ފަރާތްތަކުން 'ސިހުރު' ހަދަމުން ގެންދާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ' ދިވެހިރާއްޖޭގެ ޤުދްރަތީ ތިމާވެށްޓާއި ، ދިރޭތަކެތީގެ މުއްސަނދިކަމާއި، ޤުދްރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކަން ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެކެވެ. އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ޙިމާޔަތްކުރެވޭ، ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތަކުގެ މަތީން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށާއި މިފަދަ ޙަރަކާތްތަކުގެ ސަބަބުން ތިމާވެށި ތަޣައްޔަރުވިޔަ ނުދިނުމަށާއި ، ދިރޭތަކެތީގެ ނަސްލެއް ނެތިގެން ދިޔަ ނުދިނުމަށާއި ، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި ، ޤުދްރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން ބާރުއަޅާންވާނެ' ކަމަށް ބުނެފައިވި ނަމަވެސް ސަރުކާރުން ކޮތަރަށް ކާންދިނުން މަނާކޮށްފައިވަނީ ކޮންމެވެސް އެހެން ސަބަބަކާއި ހުރެ ކަމުގައި ދެންނެވިދާނެއެވެ.
ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމައިގައި ގާތްގަނޑަކަށް މިލިއަނެއްހާ ކޮތަރު ބައިވެރިވެ ދުޝްމަނުންގެ ލަޝްކަރުތައް ހުރަސްކޮށް މެސެޖް ފޯރުކޮށްދީފައިވާއިރު، ދުނިޔޭގައި ކުރެވުނު ބައެއް ހަނގުރާމަތަކުގައި ކޮތަރު އަދާކުރި މުހިންމު ދައުރުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިފައިވެއެވެ.
މީގެ އިތުރުން މަޝްހޫރު ގަލްފް ހަނގުރާމައިގައިވެސް ކޮތަރު ބޭނުން ކޮށްފައިވާއިރު ކޮތަރެއް ހިފައިގެންދާ މެސެޖްތައް ޖޭމް ކޮށްގެން ހުއްޓުވޭނެ ގޮތެއް ނޯންނަކަމަށް ވެއެވެ.
ކޮތަރުގެ ތޫނުފިލިކަމުގެ ސަބަބުން ބައެއް ޤައުމުތަކުގައި، ޙާއްސަގޮތެއްގައި އަވަށްޓެރި އިންޑިޔާ އާއި ޕާކިސްތާނުގައި ވެސް ޖާސޫސްކުރުމުގައި ކޮތަރު ބޭނުން ކުރުމަކީ ވަރަށް އާންމުކަމެކެވެ. އެގޮތުން ދާދިފަހުން ވެސް ޕާކިސްތާނަށް ޖާސޫސުކޮށްދޭ ކަމަށް ބުނެ އިންޑިޔާގެ ޕަތަންކޮޓް އަވަށުން ވަނީ އަތުލައިގެންފައެވެ.
ޕާކިސްތާނާ 2.5 މޭލު ކައިރީގައި އޮންނަ ޕަތަންކޮޓް އަވަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވެނު މި ކޮތަރުގެ ވަރައިގެ ދަށުގައި އުރުދޫ ބަހުން ލިޔެފައި ހުރި ނަމަވެސް އެ ލިޔުން ހުރިލެއް ފަނޑުކަމުން ކިޔަން ނޭނގޭ ކަމަށާއި އޭގެ އިތުރުން ހިސާބު އަކުރުތަކެއް ވެސް ކޮތަރުގެ ހަށިގަނޑުގައި ލިޔެފައި ހުރި ކަމަށާއި އެކަމަކު އެއީ ވެސް ފޯނު ނަންބަރެއް ނޫން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި އިންޑިޔާގެ ފުލުހުންގެ ބެލުމުގެ ދަށަށް ކޮތަރު ގެންގޮސް އެކްސްރޭވެސް ނަގާފައިވާއިރު މިހާތަނަށް ބެލި ބެލުމުން އެފަދަ ހެއްކެއް ނުފެނުނު ކަމުގައި ވި ނަމަވެސް ތަހުގީގު ކުރިއަށް ގެންދާތީ އަދިވެސް ކޮތަރު ވަނީ ފުލުހުންގެ 'ހައްޔަރުގައެވެ.'
ދިވެހިރާއްޖޭގެ ސިފައިންގެ މައި މަރުކަޒާއި ފުލުހުންގެ އިދާރާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ސަރަހައްދެއްގައި ކޮތަރުތައް ޒަމާނުއްސުރެ އެއްވަމުން ދިޔަ ކޮތަރުތައް ޑައިވާޓްކުރުމަށް ކުއްލިގޮތަކަށް ސަރުކާރުން ނިންމުމުގެ ފަހަތުގައި ވަނީ ޖާސޫސު ކުރުމުގެ ތުހުމަތު ކަމަށް ވެދާނެ ހެއްޔެވެ ؟ ސިފައިންގެ ބެލުމުގެ ދަށުގައި ނުވަތަ ފުލުހުންގެ ބެލުމުގެ ދަށުގައި ކޮތަރުތަކެއް 'ހައްޔަރުކޮށްފައި' ތިބުމަކީ ވެސް އެކަށީގެންވާކަމެކެވެ.