ރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރަން ފިޔަވަޅު އަޅަން ޑޮކްޓަރުންގެ ޖަމިއްޔާ އިން ގޮވާލައިފި އެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނަކީ 2006 ވަނަ އަހަރު އުފައްދާފައިވާ ދިވެހި ޑޮކްޓަރުންގެ އެންމެ ބޮޑު މަދަނީ ޖަމިއްޔާ އެވެ.
އެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާ އާއި 250 ވިހަ އެކުލެވޭ އެއްޗެއް ކަމަށާއި އޭގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހިވާކަން ދިރާސާތަކުން ދައްކާ ކަމަށެވެ. އަދި ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނޭވާ ހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ޖެހުން ފަދަ ސިއްހީ މައްސަލަތައް ދިމާވާ ކަމަށް ބުނެފައިވެ އެވެ.
ފުއްޕާމޭގެ ކެންސަރު ބަލީގެ މަސްދަރަކަށް 85 ޕަސެންޓް ވެފައިވަނީ ދުންފަތުގެ ސީދާ ދުން ކަމަށާއި އަހަރަކު އަށް މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެކި ބަލިތަކުގައި މަރުވަމުންދާއިރު، މީގެ ތެރެއިން 1.3 މިލިއަން މީހުންނަކީ ދުންފަތުގެ ނުސީދާ ދުމުން ދުނިޔެ ދޫކުރަންޖެހޭ މީހުން ކަމަށް ޑަބްލިއުއެޗްއޯއާ ހަވާލާދީ ބުނެފައިވެ އެވެ.
ވޭޕާއި އީ-ސިނގިރޭޓަކީ ގެއްލުން ކުޑަ އެއްޗެހިތަކެއް ކަމަށް ބުނި ނަމަވެސް، އެތައް ދިރާސާތަކަކުން އެއީ ސިއްހަތަށް ގެއްލުންހުރި ކަމެއްކަން ސާބިތުވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އެގޮތުން ވޭޕްގައި އެކުލެވޭ ތަފާތު ފްލޭވާތަކަކީ ޒުވާން ޖީލު މިކަމަށް ދެވި ހިފުމަށް ބޭނުންކުރާ އުކުޅެއްކަން ރާއްޖޭގެ ތަފާސް ހިސާބުތަކުން ވެސް ހާމަވެފައިވާ ކަމަށް ބުންޏެވެ.
އެ ސަބަބުތަކާއި ހެދި އެ ބަޔާނުގައި ވަނީ ރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރަން ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފަ އެވެ. ދުނިޔޭގެ 34 ގައުމެއްގައި ވޭޕް މުޅިން މަނާ ކުރެވިފައިވާ ކަމަށާއި މި ގައުމުތަކުގެ ތެރޭގައި އަވަށްޓެރި އިންޑިއާ ވެސް ހިމެނޭކަން ފާހަގަކޮށްފައިވެ އެވެ.