މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވަނީ ކުއްލި ހާލަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. ގައި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައާ ގުޅޭގޮތުން މިއަދު އޮތް މަތީ ފަންތީގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑު އުފުލި، ހޯދިފައިވާ ތަރައްގީ "ގިރައިލައި" އިގްތިސޯދު ވެސް ނުރައްކަލުގެ ތެރެއަށްް ވައްޓައިލަމުން އަންނަކަމަށެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ބައިނަލްއަގުވާމީ ގައުމުތަކުން ގުޅިގެން އަވަސް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށާއި އެފަދަ ހައްލުތައް ވާން ޖެހޭނީ ކުދި އަދި އެންމެ ބިންތިރި ގައުމުތަކާއި އެ ތަންތަނުގައި ދިިރިއުޅޭ ރައްޔިތުންނަށް އާންމު ދިރިއުޅުމުގެ ހާލަތަށް ހޭނެން މަގުފަހިކޮށްދޭނެ ހައްލުތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބޯމަތީގައި މިއޮތީ ކުއްލި ހާލަތެއް. އަޅުގަނޑުމެން ދިރިއުޅުން މިއޮތީ ނުރައްކަލުގައި. ސަގާފަތާއި ތަރިކަ މި އޮތީ ނުރައްކަލެއްގައި" ރައީސް ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުން ހައްލު ކުރުމަށް ރައީސް ހުށަހަޅުއްވި ފުރަތަމަ ކަމަކީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ހޭދަކުރަން ޖެހޭ ފައިސާ ލިބުމުގެ ފުރަސަތު ފަހި ވުމެވެ. އަދި މިހާރު ލިބޭ އެހީ ދެ ގުނަ ކޮށް އެހީ ހޯދަން އޮންނަ ދިގު މަރުހަލާތަކާއި އުނދަގޫ އުސޫލުތައް އުނިކުރަން ގޮވައިލެއްވި އެވެ.
ދެން ރައީސް ހުށަހެޅުއްވީ އެފަދަ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފަންޑުތައް އޮޕަރޭޝަނަލައިޒް ކުރުމުގެ އިތުރުން އެކަމުން އަރައިގަތުމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމެވެ. އަދި ތިން ވަނަ ހައްލެއްގެ ގޮތުގައި ރައީސް ހުށަހެޅުއްވީ ކްރިމެޓް ޗޭންޖުގެ ކަންކަމާ ކުރިމަތިލުމަށް އެއް ގައުމުން އަނެއްގައުމަށް ޓެކްނޮލޮޖީ ފޯރުކޮށްދިނުމެވެ.
ރައީސް ވަނީ މި ކަންކަމުގެ ސައިންސާއި އިލްމުގެ އިތުރުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް އެބަހުރި ކަމަށްވެސް ވިދާޅުވެފަ އެވެ.