އެއްވެސް ދިވެއްސަކު އަމިއްލަ ރުހުމުގައި އެމީހެއްގެ އަމިއްލަ ރަށް ދޫކޮށް ދާން ނޭދޭނެ ކަމަށާއި ދިވެހީން، ދިވެހީންގެ ރަށްތަކުގެ ޙިމާޔަތުގައި މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީން އޮން އެޑްރެސިން އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން، ރާއްޖޭގެ ރަށްތައް ސަލާމަތްކުރުމުގައި ދެގޮތެއްނުވެ ދެމިތިބޭނެ ކަމަށެވެ.
"ދިރިއުޅުން ބިނާވެފައިވާ މަސައްކަތް، އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތައް އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތަރިކައާ ސަޤާފަތާ ހުރިގުޅުން" މައުޟޫޢެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކަނޑުގެ ލޮނުގަނޑު އުފުމުގެ ސަބަބުން ކުރިމަތިމާ ނޭދެވޭ އަސަރުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތުމަށް އެދިވަޑައިގެންފަ އެވެ. އަދި މިކަމާގުޅޭ ގޮތުން މައިގަނޑު ތިން ނުކުތާއެއް ރައީސް ފާހަގަކުރެއްވި އެވެ.
ފުރަތަމަ ކަމަކަށް އިޤްތިޞާދު ސިންދަފާތުކުރުމާއި އަދި ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށް ބިނާވެފައިވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ދިރިއުޅުމުގެ މަސައްކަތްތައް ޙިމާޔަތްކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. ދެވަނަ ކަމަކަށް ޒުވާނުން އަދި އަންހެނުންނަށް އިސްކަންދީގެން މުޖުތަމަޢުތައް ބާރުވެރިކޮށް، ސަޤާފަތާއި ތަރިކަ އަދި އަމިއްލަވަންތަކަން ޙިމާޔާތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
ތިންވަނަ ކަމަކަށް، ކަނޑުގެ ލޮނުގަނޑު އުފުލުގެ ނުރައްކަލާ އެއްވެސް ޤައުމެއް ގިނިކަންޏާ ކުރިމަތިލައި، ޙައްލު ހޯދަންޖެހިގެންނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެ، އަދި މި މައްސަލައިގައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ އަންނަން އޮތް ޖީލުތަކުގެ ދިރިއުޅުމަށާއި ސަޤާފަތްތައް ހިމާޔަތްކުރެވިފައިވާ އަމާން މުސްތަޤްބަލެއް ލިބެންޖެހޭކަން ފާހަގަކުރައްވައި، މިކަމުގައި ހަރުދަނާ ގޮތްތަކެއް ނިންމުމަށް ވެސް ގޮވާލައްވާފަ އެވެ.