އ.ދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރު އުވާލައި، އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް މުހިއްމު އިސްލާޙުތަކެއް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.
ރައީސް މުޢިއްޒު މިކަމަށް ގޮވާލެއްވީ އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގައި ދެއްވި ތާރީޚީ ބަޔާނުގަ އެވެ.
މިއީ އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ ހޭދަކޮށްފައިވާ 59 އަހަރު ދުވަހުގެ ތެރޭގައި، އެ ޖަމްޢިއްޔާގެ ސަލާމަތީ މަޖިލީހުގައި ދިވެހި ރައީސަކު ބަޔާނެއް އިއްވެވި މިއީ ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ސުލްޙަ ބެލެހެއްޓުމުގައި އދ.ގެ ސަލާމަތީ މަޖިލީހަށް ޙަވާލުކުރެވިފައިވާ ބުރަ ޒިންމާގެ މަތިން ހަނދުމަފުޅުކޮށްއަރުވަމުން ރައީސް ވަނީ، އެ މަޖިލީހުގެ ނާޤާބިލުކަމުގެ ސަބަބުން، އދ.ގެ ނިޒާމަށް ދުނިޔެއިންކުރާ އިތުބާރު ގެއްލެމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ގެއްލެމުންދަނީ، ހަމަހަމަކަމާއެކު ތަމްސީލުކުރުމާއި، ޖަވާބުދާރީވުމާއި، ދެފުށްފެންނަ ގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލުނައްތާލުމުގެ ޢަމަލުތައް ނިއުޅެމުންދާއިރުވެސް، ބައިނަލްއަޤުވާމީ ޤާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވާކަ މަށެވެ. ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ޤަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުންކަމަށާއި، އަދަބެއް ނުދެވި، އަނިޔާވެރި އިސްތިޢުމާރު ދެމެހެއްޓުމަށް އިސްރާއީލަށް ފުރުޞަތު ފަހިކޮށްދެނީވެސް ވީޓޯގެ ބާރުންކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލަ ޙައްލުކުރުމަށް ރައީސް ހުށަހެޅުއްވީ، މި ހިނދުން ހިނދަށް ހައްލު ހޯދައިދެވޭނެ ނިޒާމެއްގެ ތެރެއިން، މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢުން އީޖާދީ ޙައްލު ހުށަހެޅޭނޭ އޮނިގަނޑެއް ބިނާކުރުމަށެވެ.
"އެ ބަޔަކަށް ޚިދުމަތް ކުރުމަށް އަޅުގަނޑުމެން އިންތިޚާބުކުރި ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދުމަށްޓަކައި، އެ ރައްޔިތުންނަށް އަޅުގަނޑުމެން އިތުބާރުކުރަމާ ހިންގަވާ" ރައީސް ވިދާޅުވި އެވެ.