ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދޭން ތައްޔާރުވަމުން އަންނަ ހޮރޯ-ކޮމެޑީ "ބިބީ" ގެ ޕްރޮމޯޝަނަލް ލަވަ "ލާލު" މިއަދު އާންމުންނަށް ދޫކޮށްލައިފި އެވެ.
ވަރަށް ގްލެމަރަސްކޮށް ގެނެސްދީފައިވާ މި ލަވަ އަކީ ޓޯއިގެ މެލޮޑީ އާއި ލިރިކްސްގެ އިތުރުން ލަވައިގެ ތެރެއަށް އޭނަގެ ރެޕް ބައިތަކެއް ވެސް ހިމަނައިގެން މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ކިޔާފައިވާ ލަވައެކެވެ. "ލާލު" ގެ ވީޑިއޯ އިން އަޝްފާ އާއި ޓޯއިގެ އިތުރުން "ބިބީ" ގެ ކާސްޓްގައި ހިމެނޭ ބައެއް ތަރިން ވެސް ފެނިގެން ދެ އެވެ.
އެގޮތުން މަަރިޔަމް މަޖުދާ (މަޖޫ) އާއި މަލީހާ ވަހީދާއި އައިމިނަތު ޝުހާގެ ނެށުންތަކެއް ލަވައިން ފެނިގެންދެ އެވެ. އަދި "ލާލު" ގެ އެންމެ ހާއްސަ ތަންކޮޅަކީ ފިލްމުގެ ލީޑް އެކްޓަރި ޝަރަފު އަބްދުﷲ އާ އެކީ އޭނަގެ އަންހެނުން އަދި ފިލްމުގެ ޑައިރެކްޓަރު/ސްކްރީން ޑައިރެކްޓަރު ޝަހުދާ މަހުމޫދު ވެސް ފެނިގެން ދިއުމެވެ.
"ލާލު" ގެ އެންމެ ބޮޑެތި މަސައްކަތުގެ ފަހަތުގައި ހުރީ "ބިބީ" ގެ މޭކަޕް އާޓިސްޓް ސޭންޑީ އެވެ. މި ލަވައިގެ ނެށުންތަކާއި ކޮސްޓިއުމްތަކާއި މޭކަޕްގެ އިތުރުން ލަވަ ޑައިރެކްޓްކުރީ ވެސް އޭނަ އެވެ.
އަންނަ މަހުގެ 7 ގައި އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވާ "ބިބީ" އަކީ ޑާކް ރެއިންގެ ފުރަތަމަ ހޮރޯ-ކޮމެޑީ އެވެ. މީގެ ލީޑް ތަރިންނަކީ މަޖޫ އާއި ޝަރަފެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބު، އަހުމަދު ސައީދު، އަބްދުﷲ ޝާފިއު (ފުބޫ)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މަލީހާ ވަހީދު، ޝުހާ، އާދަމް ރިޒްވީ، ސާމީ، އަމަން ހާޒިފު އަދި މަރިޔަމް ހަލީމް ހިމެނެ އެވެ.
"ބިބީ" އަކީ ޑާކް ރެއިނުން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ. އެ ސްޓޫޑިއޯގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މާޗްގައި ގެނެސްދިން "ފުރޭތަ އެވެ.