Last Updated: November 25, 20:08
Monday, November 25, 2024
ޚަބަރު

ރައީސަށް މަރުގެ އިންޒާރު ދިން މައްސަލަ ކުށްވެރިކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ޕީއެންސީ

ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ޕީއެންސީން ކުށްވެރިކޮށްފި އެވެ.

ރައީސް "މަރާލާނެ" ކަަމަށް ބުނެ ފޭސްބުކް މެދުވެރިކޮށް އިންޒާރު ދިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ޕީއެންސީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސްގެ ފުރާނަފުޅަށް ނުރައްކާވާނެ ފަދަ އަމަލެއް ހިންގާނެކަމަށް ވަރަށް ފާޅުގައި މީހަކު ބުނެފައިވާތީ އެ މައްސަލައަކީ ދައުލަތުގެ ތަހުގީގީ އިދާރާތަކުން އިސްކަންދީގެން ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.

"އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މައްސަލާގައި އެކަށީގެންވާ ހަލުއި ތަހުގީގެއް ހިންގެވުމަށް ގާނޫނު ތަންފީޒުކުރާ ތަހުގީގީ އިދާރާތަކަށް އިލްތިމާސްކުރަން،" އެޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.

ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އޮތް ދައުލަތުގެ އިދާރާތަކުން އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށްގެންދާނެ ކަމާމެދު އެ ޕާޓީން ޝައްކު ނުކުރާކަމަށް ވެސް ބުނެފައިވެ އެވެ.