Last Updated: November 26, 11:19
Tuesday, November 26, 2024
މުނިފޫހިފިލުވުން

"ބޫލް ބުލައްޔާ 3' ގެ ޓީޒާ މާދަމާ

ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ބޮލީވުޑްގެ ފިލްމު "ބޫލް ބުލައްޔާ 3" ގެ ޓީޒާ މާދަމާ ދައްކައިލަން ތައްޔާރުވާން ފަށައިފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ އާ ޕޯސްޓަރެއް ވެސް މިއަދު ވަނީ އާންމުކޮށްފަ އެވެ. ނޮވެމްބަރު 1 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ބޫލް ބުލައްޔާ 3" އަކީ ޑައިރެކްޓަރު އަނީސް ބަޒްމީ 2022 ގައި ކާތިކް އާރިއަނާ އެކީ ގެނެސްދިން ކާމިޔާބު ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ ފޮލޯއަޕެކެވެ.

ނަމަވެސް މި ފަހަރު އޭނައާ އެކީ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެންނާނީ ޓްރިޕްތީ ދިމްރީ އާއި ވިދިއާ ބާލަން އެވެ. ވިދިއާ އަކީ އަކްޝޭ ކުމާރު މުހިއްމު ރޯލެއް ކުޅުނު 2007 ގެ "ބޫލް ބުލައްޔާ" ގެ ބަތަލާ ވެސް މެ އެވެ. ޖުމްލަ 70 ކްރޯޑް ރުޕީސް (8.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 266.88 ކްރޯޑް ރުޕީސް (32 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި "ބޫލް ބުލައްޔާ 2" ގައި ކާތިކާ އެކީ ކިއާރާ އަދުވާނީ އާއި ތައްބޫ ވެސް ހިމެނެ އެވެ.

ނަމަވެސް ތިން ވަނަ ބައިން އެ ތަރިންނެއް ނުފެންނާނެ އެވެ.

މިދިޔަ މަހު ރިލީޒްކުރި ހޮރޯ-ކޮމެޑީ "އިސްތިރީ 2" ގެ ޖާދޫގައި ގިނަ ބަޔަކު ޖެހި، ފިލްމަށް ރެކޯޑް އާމްދަނީއެއް ވެސް ލިބިފައިވާތީ "ބޫލް ބުލައްޔާ 3" އާ މެދު ވެސް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. ސަބަބަކީ ހޮރޯ-ކޮމެޑީ ޖޯންރާ މިހާރު ވަރަށް ގިނަ ބަޔަކަށް ކަމުދިއުމެވެ.