އައްޑޫ އާއި ފުވައްމުލަކުގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް އެމްޑީޕީ ސަރުކާރުން އެމްވީކޭ އާއި ހަވާލުކޮށްފައިވަނިކޮށް އެ އެއްބަސްވުން މިދިޔަ މަހު އުފާލައި، މިފްކޯއާއި ހަވާލުކުރުމަށްފަހު އަނެއްކާ އެ އެއްބަސްވުން މިއަދު އުވާލައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފި އެވެ.
އެމްޕީއެލްގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެކުނުގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މަހުދީ އިމާދެވެ.
މިރަސްމިއްޔާތުގައި އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޖުނައިދު ވިދާޅުވީ އަންނަ ރޯދަ މަހުގެ ކުރިން ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތް އައްޑޫގައި ދޭން ފަށާނެ ކަމަށެވެ.
ޖުނައިދު ވިދާޅުވީ ދަތުރުތައް ފެށުމަށް އައްޑޫގައި ބައެއް ފަރާތްތަކުން މިހާރު ދުއްވާ ބަސް ވަގުތީ ގޮތުން ބޭނުން ކުރަން ފެށި ނަމަވެސް އާ ބަސްތަކެއް އެ ކުންފުނިން ވަރަށް އަވަހަށް ގެންނާނެކަމަށެވެ.
"އައްޑޫ ހިތަދޫ ފެދޫ، މަރަދޫ، މި އޭރިޔާގައި ހަތަރު ބަސް. އަދި ހުޅުމީދޫގައި ދެ ބަސް ގެންގުޅޭނަން. ފުވައްމުލަކުގައި ވެސް ދެ ބަސް ގެންގުޅޭ ގޮތައް އަދި މި އޮތީ. އަޅުގަނޑުމެން އަލަށް ގެންނަ ބަސް ތަކަކީ އޭސީ ބަސްތައް،" ޖުނައިދު ވިދާޅުވި އެވެ.
އައްޑު އާއި ފުވައްމުލަކުގައި އެމްޕީއެލްއިން ބަހުގެ ހިދުމަތް ދޭނީ، މިހާތަނަށް ނެގި އަގުތަކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މިދިޔަ މޭއި މަހުގެ 20 ވަނަ ދުވަހު ދެކުނުގެ ޓްރާންސްޕޯޓް ހިދްމަތް ދިނުމަށް މިފްކޯ އާއި ސަރުކާރުން ހަވާލުކުރުމާއި ގުޅިގެން އެކުންފުނިން ބުނީ އެއާކޯން ބަސް ގެނެސް އައްޑޫއާއި ފުވައްމުލަކަށް ހިދްމަތްދޭން އެކުންފުނި ތައްޔާރަށް އޮތް ކަމަށެވެ.
ނަމަވެސް އޭގެ 12 ދުވަސް ފަހުން އެއެއްބަސްވުން އުވާލައި، މިވަނީ އެމްޕީއެލް އާއި ދަތުރުފަތުރުގެ ހިދްމަތް ހަވާލުކޮށްފައެވެ.