އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ރާއްޖެ އާއި އެމެރިކާގެ ގުޅުން މުހިއްމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޕްރިންސްޓަން ޔުނިވަސިޓީގައި ތަގުރީރުކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ދުނިޔޭގެ އެންމެ އެންމެ ބޮޑު އެއް ބާރާއި އެންމެ ކުޑަ ޤައުމާދެމެދު ގުޅުމެއް މުހިއްމު ވަނީ ކީއްވެތޯ ބައެއް މީހުން ސުވާލު އުފައްދާނެ ކަމަށެވެ.
"އޭގެ ޖަވާބު އޮތީ އިންޑިއާގެ ކަނޑުގެ ބަދަލުވަމުންދާ އޮއިވަރާއި ގުޅިފައި" ރައީސް ވިދާޅުވި އެވެ.
އިންޑިއާ ކަނޑުން ހިނގާ އިގްތިސޯދީ ހަރަކާތްތަކަކީ ދުނިޔޭގެ ވިޔަފާރިއަށާއި ހަކަތައިގެ ސެކިޔުރިޓީއަށް މުހިއްމު ކަމެއް ކަމަށާއި ބައިނަލްއަގުވާމީ ބަލްކު ކާގޯގެ ތިންބައި ކުޅަ އެއްބައި ދަތުރުކުރަނީ އިންޑިއާ ކަނޑު ހުރަސްކޮށް ކަމަށްވާއިރު އޭޝިއާ އާއި ޔޫރަޕުގެ މެދުގައި ހިނގާ ވިޔަފާރި މުއާމަލާތްތަކުގެ 75 ޕަސެންޓް ހިނގަނީ ވެސް އިންޑިއާ ކަނޑު މެދުވެރިކޮށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅަށް ބޭނުންވާ ތެލުގެ 50 ޕަސެންޓު ވެސް ކޮންމެ ދުވަހަކު އިންޑިއާ ކަނޑު މެދުވެރިކޮށް ފޮނުވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އިންޑިއާ ކަނޑުގައި ބާރުގަދަކުރަން ބޭނުންވާ ބަޔަކު ނުފޫޒު ފޯރުވަން އެންމެ ބޮޑަށް އަޅައިގަންނަނީ ރާއްޖެ ކަމަށާއި ރާއްޖެއިން އޮތީ އެކަމަށް ފުރިހަމައަށް ސަމާލުވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ވައުދުވެވަޑައިގެންނެވީ އެ ސަބަބާއި ހުރެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވަނީ އަދުގެ ބައިނަލްއަޤުވާމީ ނިޒާމު ބިނާވެފައި އޮތް އަސާސީ އުޞޫލުތަކަކީ، ޤައުމުތަކާއި ދައުލަތްތަކުގެ މެދުގައި އިސްތިޤުލާލަށް އަދި އިސްތިޤުލާލީ ހަމަހަމަކަމަށް އިޙްތިރާމްކުރުމުގެ ސިފަ ދެމެހެއްޓުން ކަމަށް ވިދާޅުވެފަ އެވެ. އަދި ކުދި ޖަޒީރާ ޤައުމުތައް ކުރިއަރައިގޮސް، ފުދުންތެރިވުމަށް، އެ ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކުރުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވި އެވެ.