ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކާމިޔާބު "ދޫމް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައިގެ މައިގަނޑު ތަރިއަކީ ރަންބީރް ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކާއި ބައެއް ކްރިޓިކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، ޝޫޓިން ފަށަން ޕްލޭން ކުރަނީ އަންނަ އަހަރުގެ ފަހުކޮޅުގަ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ވައިއާރްއެފުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
"ދޫމް 4" ގެ ތަރިއަކީ ރަންބީރް ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އިރު، މިދި މަހު ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މީގެ ޑައިރެކްޓަރަކަށް ވާނީ ރަންބީރްގެ ވަރަށް ގާތް އެކުވެރި ޑައިރެކްޓަރު އަޔާން މުކަރްޖީ އެވެ. އޭނަ މިހާތަނަށް ރަންބީރާ އެކީ ތިން ފިލްމު ގެނެސްދީފައިވެ އެވެ. އެއީ 2022 ގެ "ބުރައްމަސްތުރާ" އާއި 2013 ގެ "ޔޭ ޖަވާނީ ހޭ ދީވާނީ" ގެ އިތުރުން 2011 ގެ "ވޭކަޕް ސިދު" އެވެ.
އަޔާން މިހާރު އަންނަނީ ވައިއާރްއެފަށް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު "ވޯ 2" ގެ މަސައްކަތް ކުރަމުންނެވެ. މީގެ ތަރިންނަކީ ރިތިކް ރޯޝަނާއި ކިއާރާ އަދުވާނީގެ އިތުރުން އެންޓީއާރް ޖޫނިއާ އެވެ. "ވޯ 2" އަކީ މިދިޔަ އަހަރު ޝާހްރުކް ޚާންގެ "ޕަތާން" ގެނެސްދިން ޑައިރެކްޓަރު ސިދާތު އާނަންދު 2019 ގައި ގެނެސްދިން "ވޯ" ގެ ސީކްއެލް އެވެ.
"ދޫމް 4" އިން ރަންބީރު ފެންނާނެކަމުގެ ވާހަކަތައް ދެކެވެން ފެށި އިރު، އޭނަ ވައިއާރްއެފަށް އެންމެ ފަހުން ކުޅުނު ފިލްމަކީ 2022 ގެ "ޝަމްޝޭރާ" އެވެ. މިއަދު 42 އަހަރު ފުރުނު އެކްޓަރު އެ ސްޓޫޑިއޯ އަށް ކުޅުނު ފިލްމުތަކުގެ ތެރޭގައި 2008 ގެ "ބަޗްނާ އޭ ހަސީނޯ" އާއި 2009 ގެ "ރޮކެޓް ސިންގް: ސޭމްސް،މަން އޮފް ދި އިޔާ" ހިމެނެ އެވެ.
ބަތަލާ އާލިއާ ބަޓްގެ ފިރިމީ މިހާރު އަންނަނީ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ރާމާޔަން" ގެ މަސައްކަތް ކުރަމުންނެވެ. ރަންބީރް ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އާލިއާއާ އެކީ ކުޅެން ހަމަޖެހިފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ހިމެނެ އެވެ.
ބޮލީވުޑްގެ އެންމެ މަގުބޫލު ފްރެންޗައިޒްގެ ތެރޭގައި ހިމެނޭ "ދޫމް" އަކީ އަބަދު ވެސް ފިލްމުގެ ވިލަން މައިގަނޑު ތަރިއަކަށްވާ ފްރެންޗައިޒެކެވެ. އެގޮތުން 2004 ގެ "ދޫމް" ގެ ތަރި އަކީ ޖޯން އަބްރަހަމެވެ. ދެހާސް ހައެއްގެ "ދޫމް 2" ގެ ތަރިއަކީ ރިތިކް ރޯޝަނެވެ. އަދި 2013 ގެ "ދޫމް 3" ގެ ތަރި އަކީ އޭގައި ޑަބަލް ރޯލެއް ކުޅުނު އާމިރު ޚާނެވެ.
މިއިން ކޮންމެ ފިލްމެއްގައި ވެސް ވިލަން އަތުލައިގަންނަން މަސައްކަތްކުރާ ދެ މީހުންނަކީ ފުލުހުންގެ ރޯލު ކުޅޭ އަބީޝެކް ބައްޗަނާއި އުދޭ ޗޯޕްޅާ އެވެ.