ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގައި އެގައުމަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ދެވަނަ ހަފުތާގައި ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ވަރަށް އަވަހަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަން ރައީސް އޮފީހުން މި މަހުގެ ކުރީކޮޅު ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ރައީސް އިންޑިއާއަށް ވަޑައިގަންނަވާ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެ ވަނަ ހަފުތާގަ އެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރައްވާ އެ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ރައީސް މުޢިއްޒު ވަނީ ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އައު ދައުރަކަށް މަގާމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވެގެން ގޮސްފަ އެވެ. އެއީ އިންޑިއާ އާއި މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރެއްވި މައްސަލައިގަ އެވެ. އެއާ އެކީގައި ދިވެހި ސަރުކާރުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރި އެވެ.
ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރުގެ ލޯނެއްގެ ތެރެއިން 100 މިލިއަން ދެއްކުން އެއް އަހަރަށް ދާދިފަހުން އިންޑިއާ އިން ވަނީ ފަސްކޮށްދީފަ އެވެ.