ސަރުކާރުގެ ބަހާއި އަމަލު ދިމާ ނުވޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އައްބާސް މިހެން ވިދާޅުވީ އިއްޔެ މެންދުރު ގއ. ދެއްވަދޫއަށް ދިޔަ ފިޝަރީޒް މިނިސްޓްރީގެ ޓީމެއް އެ ރަށުން ބޭރުކޮށްލުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އައްބާސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ މަސްވެރިންގެ ހާލަތު މިހާ ހިސާބަށް މިދިޔައީ ފާއިތުވަމުން މިދާ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ބަހާއި އަމަލު ދިމާނުވުމުގެ ސަބަބުން މަސްވެރިންގެ އަތްމަތި ދަތިވެ، ދަރަނިވެރިވެ، މަސްވެރިންގެ އާއިލާތައް މަގުމަތިވާ ހިސާބަށް ދިޔުމުން ކަމަށެވެ.
Raajjeyge Masveringe Haalathu Mihaa Hisaabah Midhiyaee Faaithuvamun Midhaa Aharu Dhuvahuge Thereygai sarukaaru ge Bahaa Amalu Dhimaa nuvumuge sababun Masverin ge Aiymathi Dhathive,Dharaniverive,Ebaa Meehunge Aailaa Thah Magumathivaa Hisaabah Dhiyaeema..@AdhadhuMV @Mihaarunews… pic.twitter.com/lzhpFoUk6a
— Mohamed Abbas (@Abbasvelidhoo) September 28, 2024
ފިޝަރީޒް މިނިސްޓްރީގެ ޓީމެއް މިދިޔަ ބުރާސްފަތި ދުވަހު ގއ. ދާންދޫއަށް އަރަން މަސައްކަތް ކުރުމުން އެ ރަށުގެ މަސްވެރިން ވެސް ވަނީ އެ ޓީމު ރަށުން ބޭރުކޮށްލާފަ އެވެ.
އެ ރަށުން ފިޝަރީޒް މިނިސްޓްރީގެ ޓީމު ބޭރުކޮށްލީ ދާންދޫގެ މަސްވެރިންނަށް ކިރުވި މަހަށް ލާރި ނުދޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވުމާއި، ގިނަ އޮޑިފަހަރަށް ތިންލައްކަ ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް ސަރުކާރުން ނުދީ އޮތުމުން ފިޝަރީޒް މިނިސްޓްރީގެ ބަޔަކާ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް ބުނެ އެވެ.