ރާއްޖޭގައި ދިރާސާ ކުރުން ވަރަށް ބޮޑަށް އިތުރުވަމުން އަންނަ އިރު މިފަދަ މަސައްކަތްތަކަކީ ހަވާލާ ދެވޭ ފެންވަރުގެ ކޮލިޓީ ދިރާސާތަކަށްވާން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް ޔުނިވަސިޓީން އަހަރަކު އެއް ފަހަރު ބާއްވާ އައިސީއައިއޭ ބައިނަލް އަޤްވާމީ ކޮންފަރެންސް އިފުތިތާޙްކޮށް ދެއްވައި އިއްތެ މިނިސްޓަރު 2000 ވަނަ އަހަރާ ހަމައަށް އައިއިރު ރިސާޗް ޕަބްލިކޭޝަންތަކުގެ އަދަދު ހުރީ ދެ އަދަދުން ގުނާލެވޭ ހިސާބުގައި ކަމަށެވެ. ނަމަވެސް ދެ ޔުނިވާސިޓީގެ މަސައްކަތާއި މަތީ ތައުލީމަށް ދެވޭ ފޯކަސް ބޮޑުވުމާ ގުޅިގެން ޝާއިއު ކުރެވޭ ދިރާސާތައް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ދިވެހި ލިޔުންތެރިންގެ ރިސާޗްތަކާއި އިންޓަރނޭޝަނަލް ފަރާތްތަކާ އެކުގައި ކުރެވޭ ދިރާސާތަކުގެ އަދަދު ހަހާހަށް އަރައިފި. އެއީ ފަޚުރިވެރިވާން ޖެހޭ ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ރިސާޗްތަކުގެ އަދަދު މައްޗަށް ދިޔަ ނަމަވެސް ހަވާލާ ދެވޭ ފެންވަރުގެ ކޮލިޓީ ރިސާޗްތައް ހެދިފައި ނެތުމުގެ ކަންބޮޑުވުން މިނިސްޓަރު ފާޅުކުރެއްވި އެވެ.
"ޔުނިވަސިޓީތަކުން ޚާއްޞަކޮށް އިސްކަމެއް ދެއްވަން އެބަޖެހޭ ކުއަންޓިޓީއާ އެކު ރިސާޗްތަކުގެ ކޮލިޓީ ގެންނަން. ރިސާޗްތަކުގެ ކޮލިޓީ، ޕޭޕަރުތަކުގެ ކޮލިޓީ، ޕަބްލިކޭޝަންތަކުގެ ކޮލިޓީ ރަނގަޅު ނުކުރެވޭ ކަމުގައި ވަނީ ނަމަ ޕަބްލިކޭޝަނެއް އައި ކަމަށް ވިޔަސް ނަމަވެސް އުފެއްދުންތެރި އިލްމީ ދިރާސާވެރިން އެ އެއްޗިއްސަކަށް ހަވާލާ ނުދޭނެ،" ޝަފީއު ވިދާޅުވި އެވެ. "މިއީ ޤައުމީ ލެވެލްގައި އެޑްރެސްކުރަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން."
މިނިސްޓަރު ވިދާޅުވީ ޕަބްލިޝްކޮށްފައި ހުރި ދިރާސާތަކަށް ބަލާއިރު އޭގެ ތެރެއިން 18.9 ޕަސެންޓަކީ ސައިންސްގެ ދާއިރާގެ ދިރާސާތައް ކަމަށެވެ. އަދި ހިސާބުގެ ދާއިރާގައި ޕަބްލިޝްކޮށްފައި ހުރީ އެންމެ 0.4 ޕަސެންޓު ދިރާސާތައް ކަމަށް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ހިސާބު ސައިންސް އިންޖިނިއަރިން ދާއިރާތަކުން ރިސަރޗް ކުރަން ފޯކަސް ކުރަން ޖެހޭ ކަމަށާއި އުފެއްދުންތެރިކަން ޤައުމީ ލެވެލްގައި އިތުރުވެގެން ދާނީ އެ ދާއިރާތަކަށް އިސްކަންދީގެން ކަމަށެވެ. އަދި ތިމާވެށީގެ ދާއިރާގައި ވެސް ހުރީ ވަރަށް މަދު އަދަދެއްގެ ދިރާސާތަކެއް ފާހަގަކުރައްވައި ޤައުމީ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެ ދާއިރާތަކުން ރިސާޗް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.