މިދިޔަ މަހު ރިލީޒްކޮށް ބެލުންތެރިންގެ ފިނި ތަރުހީބެއް ލިބުނު ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ ސްޕައި ތުރިލާ "އުލާޖް" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށައިފި އެވެ.
އޮގަސްޓް 2 ގައި ސިނަމާތަކަށް ގެނައި މި ފިލްމުގައި ޖާންވީ ކުޅެފައި ވަނީ އިންޑިއާ އިން އިނގިރޭސިވިލާތުގެ އެމްބަސީ އަށް އައްޔަންކުރާ ޑެޕިއުޓީ އެމްބަސެޑަރެއްގެ ރޯލެވެ. ސުދާންޝޫ ސާރިއާ ޑައިރެކްޓްކުރި "އުލާޖް" ގެ ކާސްޓްގައި ގުލްޝަން ދެވިއާ، ރޯޝަން މެތިއު، އާދިލް ހުސައިން، މިޔެންގ ޗަންގް، ސާކްޝީ ތަންވަރު އަދި ހިމާންޝޫ މާލިކް ހިމެނެ އެވެ.
"އުލާޖް" އަކީ ފިލްމު ހަދަން ހޭދަކުރި ބަޖެޓް ވެސް ބޮކްސް އޮފީހުގައި ފޫނުބެއްދޭ ފިލްމެކެވެ. ޖުމްލަ 35 ކްރޯޑް ރުޕީސް (4.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ހޯދުނީ އެންމެ 11.05 ކްރޯޑް ރުޕީސް (1.3 މިލިއަން ޑޮލަރު) އެވެ.
"އުލާޖް" އަކީ މި އަހަރު ރިލީޒްވި ޖާންވީގެ ދެވަނަ ފިލްމެވެ. މި އަހަރު ބެލުންތެރިންނާ ހަމައަށް އައި އޭނަގެ ފުރަތަމަ ފިލްމަކީ މެއިގައި ރިލީޒްކުރި ރޮމޭންޓިކް ސްޕޯޓްސް ޑްރާމާ "މިސްޓަ އެންޑް މިސިޒް މާހީ" އެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން ސިނަމާތަކުގައި އަންނަނީ ޖާންވީގެ ތިން ވަނަ ފިލްމު ދައްކަމުންނެވެ.
އެއީ މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާއާ އެކީ ކުޅެފައިވާ އެކްޝަން ޑްރާމާ "ދޭވްރާ: ޕާޓް 1" އެވެ. މި ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު މިހާރު އަންނަނީ ވަރޫން ދަވަނާ އެކީ ކުޅޭ ދެވަނަ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރު" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ އެޕްރީލްގަ އެވެ.