މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މި މަސައްކަތަކީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހަދައި މަގުތައް ތަރުތީބުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެގޮތުން މި ފަހުން އަންނަނީ ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކާއި ބާވެ، ހަލާކުވެގެން މަގުތަކަށް ދޫކޮށްފައި ހުންނަ ވެހިކަލްތަކާއު ރަޖިސްޓްރީ ނުކޮޑް ބަހައްޓާފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ވަރަށް ގިނައިން ކުރަމުންނެވެ.
ޓޯކުރާ ވެހިކަލްތައް ފުލުހުން ނައްތައިލަނީ ވެހިކަލްތަކާ ހަވާލުވާން ވެރިފަރާތްތަކަށް މުހުލަތުތަކެއް ވެސް ދިނުމަށް ފަހު އެވެ.
މާލޭގައި ޓްރެފިކްގެ މައްސަލަތައް ބޮޑުކަމުން މާލޭގެ މަގުތަކުން ވެހިކަލްތައް މަދުކުރަން ސަރުކާރުން އަންނަނީ އެކި ކަހަލަ މަސައްކަތްތައް ކުރަމުންނެވެ.