ރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދުގެ 4.7 އިންސައްތަ މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފި އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ހިތުގެ ބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ރިޕޯޓްގައި ބުނީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔަކީ ހިތުގެ ބަލި ކާޑިއޯ ވެސްކިއުލަރ ޑިޒީޒް (ސީވީޑީ) ކަމަށެވެ. ހިތުގެ ބަލީ ޖެހިގެން ކޮންމެ އަހަރަކު 17 މިލިއަން މީހުން މަރުވާ ކަމަށް ދުނިޔޭގެ ހާޓް ފެޑެރޭޝަން އިން ލަފާކުރާ ކަމަށާއި މި މަރުތަކުގެ މައިގަނޑު ސަބަބުތަކަކީ ކޮރޮނަރީ ހާޓް ޑިޒީޒް ނުވަތަ ސްޓްރޯކް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
ރާއްޖޭގައި ހިތުގެ ބަލިތައް އޮތް ހާލަތަށް ބަލާއިރު ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމުށް 2020 އިން 2021 އަށް ރާއްޖޭގައި ހެދުނު "ނޮން ކޮމިއުނިކަބްލް ޑިޒީޒް ރިސްކް ފެކްޓަރ ސާވޭ 2020 -2021" އިން ދައްކާ ގޮތުގައި ރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދުގެ 4.7 އިންސައްތަ މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުން ކަމަށެވެ. އަދި 27.7 އިންސައްތަ މީހުންނަކީ މި ބަލިތަކަށް ދިގު މުއްދަތަށް ބޭސް ބޭނުން ކުރަމުންދާ މީހުން ކަަމަށްވެސް އެ ސާވޭގައި ބުނެފައިވެ އެވެ.
މި ދިރާސާގެ ބައިވެރިންގެ މެދުގައި ހިތުގެ ބަލި ޖެހުމަށް ހުށަހެޅޭ މިންވަރު ދެނެގަތުމަށް ހެދުނު އެސެސްމެންޓުން ދައްކާ ގޮތުން 40 އަހަރާއި 69 އަހަރާ ދެމެދުގެ އުމުރު ފުރައިގެ 3 އިންސައްތަ ފިރިހެނުން 1.4 އިންސއްތަ އަންހެނުންނަކީ 10 އަހަރު ތެރޭގައި ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންނެވެ.
މީގެއިތުރުން 7.5 އިންސައްތަ ފިރިހެނުން، 7.9 އިންސައްތަ އަންހެނުންނަކީ 10 އިންސައްތައާ 20 އިންސައްތަ އާއި ދެމެދަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންކަމަށްވެސް ސާވޭން ދައްކާފައިވެ އެވެ. އަދި މި ބަލި ޖެހުމުގެ ފުރުސަތު އޮތް 61.8 މީހުންނަކީ ބަލި ޖެހުމުން ދުރުކުރުމަށް ޑްރަގު ތެރަޕީ އަދި ކައުންސެލިންް ބޭނުންވާ މީހުންކަމަށްވެސް ސާވޭގައި ބުނެފައިވެ އެވެ.
ހިތުގެ ބަލީގެ ސަބަބުން ބަލި ޖެހޭ މީހާއަށާއި އަދި ބަލިޖެހޭ މީހާގެ ޢާއިލާ ތަކަށާއި މުޖުތަމަޢަށް ވެސް އަސަރުކުރާ ކަމަށާއި އަދި ނަފްސާނީ ގޮތުންނާއި މާލީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެގޮތުން ހިތުގެ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކޮށް އެޗްޕީއޭ އިން ވަނީ ހިތުގެ ދުޅަހެޔޮކަމަށް ރައްކާތެރިވުމަށްޓަކައި ރަނގަޅު ކާނާ ކެއުމުގެ ވައްޓަފާޅިއެއް ބައްޓަން ކުރަންޖެހޭކަން ފާހަގަކޮށްފަ އެވެ.