"ބިބީ" އަށް ޑާކް ރެއިން އެންޓަޓައިންމަންޓުން ކައުންޓްޑައުނެއް ފަށައިފި އެވެ.
ފިލްމު ޕްރީމިއާކުރަން ހަމަޖެހިފައިވާ ތާރީހު ގާތްވަމުން އަންނަ އިރު، އެ ސްޓޫޑިއޯގެ ފުރަތަމަ ހޮރޯ-ކޮމެޑީ އޮލިމްޕަހުގައި ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 ގަ އެވެ. އެހެންވެ އަޅުވަން ދެން އޮތީ 8 ދުވަހެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބިބީ" އަލަށް ޑައިރެކްޝަނަށް ނުކުތް ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކޮޑް ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ. މީގެ ލީޑް ތަރިންނަކީ އޭނަގެ ފިރިމީހާ ޝަރަފު އަބްދުﷲ އާއި މަޝްހޫރު ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އެވެ.
"ބިބީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބު، އަހުމަދު ސައީދު، އަބްދުﷲ ޝާފިއު (ފުބޫ)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މަލީހާ ވަހީދު، ޝުހާ، އާދަމް ރިޒްވީ، ސާމީ، އަމަން ހާޒިފު އަދި މަރިޔަމް ހަލީމް ހިމެނެ އެވެ.
މި ފިލްމުގެ ޕްރޮމޯޝަނަލް ލަވަ "ލާލު" ވެސް މިހާރު އާންމުކޮށްފައިވާ އިރު، ގިނަ ބަޔަކު އަންނަނީ ފިލްމުގެ ރަސްމީ ޓްރެއިލާ އަށް އިންތިޒާރު ކުރަމުންނެވެ.
މި ފިލްމަކީ ޑާކް ރެއިނުން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ. އެ ސްޓޫޑިއޯގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މާޗްގައި ގެނެސްދިން "ފުރޭތަ އެވެ.
އޮލިމްޕަހުގައި މިހާރު އަންނަނީ ދެ ފިލްމެއް ދައްކަމުންނެވެ. އެއީ އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ "އުދަބާނި 2" އާއި އިބްރާހީމް ވިސާން (ކަނޑި) ގެ ކުޑަކުދިންގެ ފިލްމު "ރޮބޯމޭން: ދަ މޫވީ" އެވެ.