އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 3-0 އިން ޓޮޓެންހަމުން ކުރި ހޯދައިފި އެވެ.
މި މޮޅާއެކު ޓޮޓެންހަމް މިހާރު އޮތީ ހަ މެޗުން ލިބުނު 10 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގަ އެވެ. ޔުނައިޓެޑް އޮތީ ހަތް ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގަ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓްގައި ބްރެނަން ޖޯންސަން ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފަ އެވެ. މިއީ ޓޮޓެންހަމްގެ ޑިފެންޑަރު މިކީ ވެންޑަވެން ޔުނައިޓެޑްގެ އޭރިއާ ތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅައަކުން ޖޯންސަން ކާމިޔާބު ކުރި ގޯލެކެވެ.
މި ގޯލަށްފަހު ވެސް ޓޮޓެންހަމުން ދިޔައީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ޖޯންސަން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، ޓިމޯ ވާނާ އަށް ހުހަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ މަތަކުރީ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ އެވެ. ޔުނައިޓެޑަށް އިތުރު މައްސަލަތަކެއް ދިމާވީ ޖޭމްސް މެޑިސަން އަށް ކުރި ފައުލަކާއި ގުޅިގެން ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އަށް މެޗުގެ 42 ވަނަ މިނެޓްގައި ރަތްކާޑު ދެެއްކުމުންނެވެ.
މެޗުގެ ދެވަނަ ހާފް 10 ކުޅުންތެރިންނާއެކު ޔުނައިޓެޑުން ކުޅެން ޖެހުނުއިރު، ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޑެޖާން ކުލުސެވްސްކީ ވަނީ ޓޮޓެންހަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި މެޗުގައި ޓޮޓެންހަމުން ކާމިޔާބު ކުރި ތިންވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޑޮމިނިކް ސޮލާންކޭ އެވެ.
މިއީ ލީގުގައި ޔުނައިޓެޑަށް މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލަން ޖެހުނު ދެވަނަ މެޗެވެ. އަނެއްކޮޅުން މިއީ ޓޮޓެންހަމުން ލީގުގައި ޖެހިޖެހިގެން ހޯދި ދެވަނަ މޮޅެވެ.