މާލޭގެ ސަލްމާން މިސްކިތުގެ އިމާމު އަދި އިސްލާމިކް މިނިސްޓަރުގެ ނައިބު އަބްދުލް ޖަލީލު އިސްމާއީލްގެ މައްޗަށް ތުހުމަތުވާ ފޯޖަރީގެ މައްސަލައެއް ފުލުހުން ބަލަމުން ދަނިކޮށް އެ ތުހުމަތަށް އޭނަ އިންކާރު ކުރައްވައިފި އެވެ.
ޖަލީލުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ 19 ގަ އެވެ.
މިކަމާ ގުޅިގެން އޭނަ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހއ.ހޯރަފުއްޓަށް ނިސްބަތްވާ ވިޔަަފާރިވެރިޔާ ހޯރަ ހާޝިމް މުހައްމަދުގެ އެއްވެސް މުދަލެއް އަމިއްލަ ނަމަށް ބަދަލުކޮށްފަ އިނުވާނެ ކަމަށާއި، އަދި އެފަދަ ކަމެއް ކުރުމަށް ވެސް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.
ހާޝިމްގެ އާއިލާ އިން ބުނެފައި ވަނީ އޭނަގެ ވިޔަފާރިތައް ޖަލީލުގެ ނަމަށް ބަދަލުކުރީ އެ ވިޔަފާރީގައި ފައިސާ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އައި ހާޝިމުގެ މުވައްޒަފެއްގެ އެހީތެރިކަމާ އެކީގައި ކަމަށެވެ. އެގޮތުން ހާޝިމުގެ ދަރިފުޅުގެ ނަމުގައި ސައްހަ ނޫން ލިޔުމެއް އުފައްދާފައިވާ ކަމަށް ވެސް އާއިލާއިން ތުހުމަތުކޮށްފައިވެ އެވެ.
މި ތުހުމަތުތަކުގެ ރައްދުގައި ޖަލީލުގެ ބަޔާނުގައި ވިދާޅުވީ ހާޝިމުގެ މުދަލެއް އަމިއްލަ ނަމަށް ބަދަލުކޮށް، ހާޝިމުގެ އާއިލާއަށް އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނުވަތަ އިދާރާއަކަށް ވެސް ހުށަހަޅުއްވާފައި ނުވާނެ ކަމަށެވެ. އަދި ކުރައްވަމުން ގެންދަވަނީ އަމިއްލަ ވިޔަފާރި ކަމަށް ވެސް ވިދާޅުވި ވެ.
އަދި ހާޝިމް ނިޔާވިތާ ދެ އަހަރެއްހާ ދުވަސް ފަހުން އާއިލާއިން އޭނަގެ މުދަލާ މެދު މިހާރު ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަން ފުލުހުންގެ ތަހުގީގުން ހާމަވާނެކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ޖަލީލު ވިދާޅުވި އެވެ. އޭނަ ވިދާޅުވީތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އޭނަ ވިދާޅުވީ މި މަހުގެ 23 ވަނަ ދުވަހު ހާޝިމުގެ އާއިލާ ބައެއް ކަމަށް ބުނެ ބަޔަކު އޭނާގެ ފިހާރައަށް ވަދެ ބޮޑެތި ގެއްލުންތަކެއް ދީ އެތަނުގައި ތިބި މުވައްޒަފުންނަށް ބިރު ދައްކާފައިވާ ކަމަށެވެ. އަދި އެތަނުގައި ހުރި ކޮމްޕިއުޓަރެއް ފޭރިގަނެގެން ގެންދިޔަ ކަމަށާއި އެތަނަކީ ހާޝިމުގެ ތަނެއް ކަމަށް ދެއްކުމަށް މަސައްކަތްކޮށް ތަނުގެ ތަޅު ބަދަލުކުރަން އާއިލާއިން މަސައްކަތްކުރި ކަމަށްވެސް ޖަލީލު ވިދާޅުވި އެވެ.
ޖަލީލު ވިދާޅުވި ގޮތުގައި ހާޝިމް އާއިލާއިން މަސައްކަތްކުރީ އެމީހުންގެ ކުށެއް ނެތްކަން ދައްކައި އޭނާގެ މުދާ ފޭރިގަނެ ގެއްލުން ދޭށެވެ.