ނެޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ ތިން މަގާމަކަށް މެންބަރުން ހޯދަން އިއުލާންކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާންތަކެއްގައި ބުނީ މެމްބަރުން ހޯދާ އެ މަގާމުތަކަކީ ފުޑް ސައިންސްގެ މާހިރަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ފަރާތުގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ތަމްސީލުކުރާ ފަރާތެކެވެ.
ފަސް އަހަރުގެ މުއްދަތަށް ނަގާ އެ ތިން މަގާމުގެ މަސްއޫލިއްޔަތަކީ ކާބޯތަކެތީގެ ފެންވަރާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ގޮތުންނާއި ކާބޯތަކެއްޗަކީ ސިއްހަތަށް ފައިދާހުރި ތަކެތި ކަމުގައި ކަށަވަރުކުރުމާ ގުޅޭ ގޮތުން އޮތޯރިޓީ އަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.
އަދި ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އޮތޯރިޓިއަށް ލަފާ ދިނުމަކީ ވެސް މަގާމުތަކުގެގެ މަސްއޫލިއްޔަތެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ތަމްސީލުކުރާ ފަރާތެއްގެ ވަކި ހާއްސަ ޝަރުތަުތަކުގެ ތެރޭގައި ހިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ފަރާތާއި ފުޑް ސައިންސްގެ މާހިރެއްގެ ހާއްސަ ޝަރުތެއްގެ ގޮތުގައި ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިއެއް ނުވަތަ އެ ނޫން ވެސް ތަނެއްގައި މަސްލަހަތެއް އޮތް ފަރާތަކަށް ނުވުން ހިމެނެ އެވެ.
ކުރިމަތިލާ މީހުންނަކީ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ މީހަކަށް ނުވުން ފުޑް ސައިންސްގެ މާހިރުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއިފައިވަނީ އަންނަ މަހުގެ 10 އާ ހަމައަށެވެ.