Last Updated: November 26, 06:34
Tuesday, November 26, 2024
ޚަބަރު

ޓީޗާސް ކޮންފަރެންސް މާދަމާ ފަށަނީ

ހަތް ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސް މި އަހަރު ބާއްވަނީ މާލޭގަ އެވެ. އަދި ކޮންފަރެންސް ކުރިއަށް ދާނީ މާލޭގެ ސީއެޗްއެސްއީ އިމާރާތުގަ އެވެ.

ކުރިން ކޮންފަރެންސް ބާއްވަން ނިންމި މި މަހުގެ 28-30 އަށް އއ. އުކުޅަހުގަ އެވެ.

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސަކީ ޓީޗަރުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަންނީ މުއައްޒަފުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ޤާއިމު ކުރުމުގެ މަޤްޞަދުގައި, 2012 އިން ފެށިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އައިއެންއީ) އިން ބައިނަލްއަޤްވާމީ ފެންވަރުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

ކޮންފަރެންސްގައި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލު ކުރައްވާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ކިޔަވައި ދިނުން އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ތަފާތު ކަންކަމާ މެދު ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު ލިބިގެން ދާނެ އެވެ.

މީގެ އިތުރުން ބޭރު ޤައުމުތަކުގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ރާއްޖެ ހުޅުވައިދިނުމާއިއެކު، ރާއްޖޭގައި "އެކަޑެމިކް ޓުއަރިޒަމް" ފުޅާކުރުމުގައި މިފަދަ ކޮންފަރެންސްތައް މުހިންމު ދައުރެއް އަދާކުރެ އެވެ.

މި އަހަރުގެ ކޮންފަރެންސްއަށް ތީމަކީ "Educate، Empower, Elevate: Equitable Education for 21st Century Excellence" އެވެ.

ހަ ވަނަ ކޮންފަރެންސް 2022 ގައި ބޭއްވީ ކުޅުދުއްފުށީގަ އެވެ.