ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަންނަ އޯގަސްޓް މަހުގެ ތެރޭގައި ގޭ ބަންދަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަން ވަރަށް އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
ނަޝީދުގެ މައްޗަށް ސާބިތުވެފައިވާ ޓެރަރިޒަމްގެ ކުށަކީ، ގާނޫނުގައި، މާފުކޮށްދީގެން ނުވާނެ އަދި އަދަބު ފަސްކޮށްދީގެން ނުވާނެ ކުށްކުށުގެ ތެރޭގައި ހިމެނޭ ކުށެކެވެ. ނަން ހާމަނުކުރުމަށް ޝަރުތުކޮށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި ނަޝީދުގެ އަދަބު ލުއިކުރުމުގެ ގޮތުން އޯގަސްޓް މަހުގެ ތެރޭގައި އެބޭފުޅާ ގޭބަންދަށް ބަދަލުކުރުމަށް މިހާރު ވަނީ ނިންމާފައި ކަމަށެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވިގޮތުގައި ސަރުކާރުގެ ތެރޭގައި އަދިވެސް އެކަމާއި ގުޅިގެން މަޝްވަރާކުރެވެމުން ދާ ކަމަށާއި ފަހަރެއްގައި އޯގަސްޓް މަހުގެ ކުރިން ވެސް ނަޝީދު ގޭބަންދަށް ބަދަލު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "ޖިނާއީ ކުށުގެ ހުކުމް އިއްވާފައިވާ މީހެއްގެ އުމުރަށް ބަލައި ނުވަތަ އޭނާގެ ގައިގައި ހުރި ބައްޔަަކަށް ބަލައި ނުވަތަ އޭނާ ހޯދަމުންދާ ފަރުވާއަކަށް ބަލައި ނުވަތަ އޭނާ ހުރި ވަގުތަށާއި ހާލަތަށް ބަލައި ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި ރައީސުލް ޖުމްހޫރިއްޔާގެ އިސް ނެގުމުގައި އޭނާގެ އަބަދު ލުއިކޮށްދިނުމުގެ އިހްތިޔާރު ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެންވާ" ކަމަށެވެ.
މާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމް ލުއިކޮށްދެއްވުމަށް އެދި ރައީސް އަބްދުﷲ ޔާމީނަށް ހުށަހެޅުމަށް، ނަޝީދުގެ ވަކީލުން ވަނީ އެބޭފުޅާއަށް ލަފާދެއްވާފައެވެ.