އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް މިމަހުގެ 12 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ކުރަން ހަމަޖެހިފައިވަނިކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ބުނެ ފުލުހުން "ޚާއްޞަ ތަމްރީނުތަކެއް" ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
މާދަމާއިން ފެށިގެން ރަމްޟާން މަސްފެށުމާދެމެދު އެކި ދުވަސްތަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މިތަމްރީނު ތަކުގައި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށާއި މުދަލުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތަކުގެ ތަމްރީނުތައް ފުރިހަމަ ކުރަމުން ގެންދާނެކަމުގައި ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީންތަކާއި ބެހޭގޮތުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވި ގޮތުގައި ތަމްރީންތައް ކުރިޔަށް ގެންދިއުމުގައި އިސްކަން ދެއްވާނީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެތެރެއިން ރައްޔިތުންނަށް ލިބިދޭންޖެހޭ އަމާންކަން ހޯދައިދީ މަގުމަތީގެ ތަރުތީބުތައް ދަމަހައްޓައި ރަމްޟާންމަހު މާލެ އާއި މާލެ ހިމެނޭ ސަރަޙައްދުގައި ހިނގާ އެކިއެކި ކުށްތައް މަދު ކުރެވޭނެ ގޮތްތަކަށް އިސްކަން ދީގެންކަމަށެވެ.
މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާއާއި ދިމާކޮށް ވެސް ފުލުހުން ވަނީ 'ޙާއްސަ ތަމްރީންތަކެއް' ކުރިއަށް ގެންގޮސްފައެވެ. އެފަހަރުވެސް ފުލުހުން ބުނެފައިވަނީ ތަމްރީންތައް ކުރިއަށް ގެންދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.
ފުލުހުން މިއަދު ޙާއްސަ ތަމްރީންތަކެއް ފަަށާފައިވާއިރު ގިނަބަޔަކު ގެންދަނީ ފުލުހުންގެ ބޭނުމަކީ ޖޫން 12 ވަނަ ދުވަހުގެ މުޒާހަރާގައި ބައިވެރިވާ ރައްޔިތުންނަށް ބިރުދެއްކުން ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފުލުހުންނަށް އަމާޒުކޮށް ފާޑުކިޔަމުންނެވެ.