Last Updated: November 23, 17:06
Saturday, November 23, 2024
ޚަބަރު

މާރާމާރީ ހިންގި އަންހެނަކު ތަހުގީގު ނިމެންދެން ބަންދަށް

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ އިތުރަށް މުދަލަށް މައްސަލައެއްގައި، އަންހެނަކު ތަހުގީގު މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ އަމުރު އެ މައްސަލައިގައި އިއްޔެ ނެރުނީ ތ. ތިމަރަފުށި، ސަލްވާ، ފާތިމަތު ޝަހުދާ، 30، ގެ މައްޗަށެވެ.

ކޯޓުގެ އަމުރުގައިވާ ގޮތުން އޭނަ ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރީ ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވުމުންނެވެ. އެގޮތުން ތޫނު އެއްޗަކުން ހަމަލާ ދިންކަމާއި، ފުލުހުން ޝަހުދާ ހައްޔަރުކުރަން އުޅުނު ވަގުތު އޭނަ ވަޅި ބިންމައްޗަށް އެއްލާލިކަން ފުލުހުން ފާހަގަކުރި ކަމަށް އަމުރުގައި ވެ އެވެ.

އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި އަމުރުގައި ބުނެފައި ވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ. ޝަހުދާ އަކީ ކުރިން ވެސް ކުށުގެ ރެކޯޑްތަކެއް އޮތް މީހެކެވެ. އޭގެ ތެރޭގައި ބިރުދެއްކުމާއި ފޭރުމުގެ މައްސަލަތައް ހިމެނެ އެވެ.

އެހެންވެ ކްރިމިނަލް ކޯޓުން އަމުރުކުރީ ތަހުގީގު ނިމެންދެން އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށެވެ.