ބޮލީވުޑްގެ އެންމެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) "ދޫމް" ގެ ހަތަރު ވަނަ ބައި ޑައިރެެކްޓްކުރާނީ "ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އޭނަ އަކީ އާމިރު ޚާން ޑަބަލް ރޯލެއް ކުޅުނު 2013 ގެ "ދޫމް 3" ގެ ޑައިރެކްޓަރުގެ އިތުރުން ސްކްރީން ރައިޓަރު ވެސް މެ އެވެ. އަދި "ދޫމް" ގެ ފުރަތަމަ ދެ ބައިގެ ސްކްކްރީންޕްލޭ ވެސް ލިޔުނީ ވިކްޓާ އެވެ. މީޑިއާތަކުން ބުނީ "ދޫމް 4" ވެސް ލިޔެ، ޑައިރެކްޓްކުރާނީ ވިކްޓާ ކަމަށެވެ.
އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "ދަ ގްރޭޓް އިންޑިއަން ފެމިލީ" އެވެ. ވިކްޓާ ލިޔެ، ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ތަގްސް އޮފް ހިންދުސްތާން" އާއި "ތަޝަން" ވެސް ހިމެނެ އެވެ.
ރަންބީރް ކަޕޫރާ އެކީ ހަދަން ނިންމާފައިވާ "ދޫމް 4" ޑައިރެކްޓްކުރާނީ ވިކްޓާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި މި ވަނީ އެ ފިލްމު ޑައިރެކްޓަރު ކުރަން އަޔާން މުކަރްޖީއާ ހަވާލުކުރަން ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ވިސްނާފައިވާ ކަމަށް ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
އަޔާން މިހާރު އަންނަނީ ވައިއާރްއެފްގެ "ވޯ 2" ގެ މަސައްކަތް ކުރަމުންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކުޅުނު 2022 ގެ "ބުރައްމަސްތުރާ" އެވެ.
މީޑިއާތަކުން ބުނީ "ދޫމް 4" ގެ ތައްޔާރީތައްވަމުން އަންނަ އިރު، ކުރީގެ ތިން ބައިގައި ފުލުހުންގެ ރޯލު ކުޅުނު އެކްޓަރުން ކަމަށްވާ އަބީޝެކް ބައްޗަނާއި އުދޭ ޗޯޕްޅާ ނުހިމެނޭނެ ކަމަށެވެ. އަދި މިއީ އަދިތިޔާގެ ނިންމުމެއް ކަމަށާއ އޭނަ ބޭނުން ވަނީ މި ފްރެންޗައިޒް މިހާރު "ރީބޫޓް" ކުރަން ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް "ދޫމް 4" އާ ބެހޭ ގޮތުން ރަސްމީކޮށް ވައިއާރްއެފުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.