Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު

ވޭޕް މަނާކޮށް ދޭން އެދި ޕެޓިޝަނެއް

ރާއްޖޭގައި ވޭޕް މަނާކޮށް ދޭން އެދި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ސްކޫލްތަކަކުން އިސް ނަގައިގެން ކުރިއަށް ގެންދާ މި ޕެޓިޝަނުގައި މިހާރު ގިނަ އަދަދެއްގެ ބެލެނިވެރިން ވެސް އަންނަނީ ސޮއި ކުރަމުންނެވެ. މި ޕެޓިޝަން ރައީސަށާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ކަމާބެހޭ އެކި އިދާރާތަކަށް ހުށަހަޅާނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާ އެކީ ސްކޫލްތަކުން ކުރިއަށް ގެންދާ ޕެޓިޝަން މިއަދުގެ ވަގުތެއްގައި ރައީސާއި މިނިސްޓްރީ އަށް ހުށަހަޅާނެ އެވެ.

ވޭޕާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފެށި އިރު، ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ވޭޕްކުރުން އާންމުވެ، އެކަމުގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް އުފެދިފައިވެ އެވެ. އަދި ރާއްޖޭގައި ވޭޕްކުރުން ވަރަށް ބޮޑަށް އާންމުވަމުންދާތީ އެ މަނާކޮށް ދޭން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ވެސް ގޮވާލާފައިވެ އެވެ.

އެތަނުން ނެރުނު ބަޔާނެއްގައި ބުނީ، ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި އެފަދަ ބަލިތައް ގިނަވުމުގެ އެެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ގިނަވުން ކަމަށެވެ. އަދި ބަލިތަކުގެ ތެރޭގައި، ނޭވާލާ ނިޒާމުގެ ބަލިތަކާއި، ހިތުގެ ބަލިތަކާއި، ހަކުރުބަލީގެ އިތުރުން ސްޓްރޯކް ވެސް ހިމެނޭ ކަމަށެވެ.

ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާ އާއި 250 ވިހަ އެކުލެވޭ އެއްޗެއް ކަމަށާއި އޭގެ ތެރެއިން 70 މާއްދާ އިން ކެންސަރަށް މަގުފަހިވާކަން ދިރާސާތަކުން ދައްކާކަން ފާހަގަކުރަމުން އެމްއެމްއޭ އިން ވަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބުނެފަ އެވެ.