ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ޝަރީއަތް ހިންގި ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވާ ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ ޝުޖާއު އުސްމާން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފިއެވެ.
ހައި ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކުރުމުން ނުވަ ބޭފުޅަކު ވަނީ އެކަމަށް ކުރިމަތިލައްވައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ ގާޒީންނެވެ.
ނުވަ ފަނޑިޔާރުން ތިބެންޖެހޭ ހައި ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފައިވަނީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަރީފްގެ އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ޖުވެނައިލް ކޯޓަށް ބަދަލު ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިން އަމިއްލަފުޅަށް ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމުންނެވެ.
އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާން އައްޔަންކުރުމުން ހައި ކޯޓުގެ ބެންޗަށް ފަނޑިޔާރުން ހަމަވީ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ ޝުޖާއު އުސްމާން ތިއްބެވި ފަނޑިޔާރުންގެ ބެންޗަކުން ނިންމާފައި ވަނީ ސަރުކާރުގެ ފަރާތުން އެބޭފުޅުންނަށް ހައި ކޯޓުގެ ފަނޑިޔާރުކަން ލިބޭނެ ކަމުގެ 'ގެރެންޓީ' ދެއްވައިގެން ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ ޝުޖާއު އުސްމާން ހައިކޯޓަށް އައްޔަން ކުރަން އުޅޭ ކަމުގެ މައުލޫމާތު އިތުބާރު ހުރި ފަރާތަކުން ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި 'އައްޑޫލައިވް' އާއި ހިއްސާކުރުމުން އެ މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް 'އައްޑޫލައިވް' އިން ވާނީ ހާއްސަ ރިޕޯޓެއް ވެސް ގެނެސްދީފައެވެ.
ރިޕޯޓްގެ ލިންކް : ބާރީ ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރަކަށް ، އަނެއް ދެ ފަނޑިޔާރުން ހައި ކޯޓަށް