އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ 48 ބޭހަކުން ކޮލިޓީ މައްސަލަތަކެއް ފާހަގަވެފައިވާތީ ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެތަނުން ނެރުނު އެލާޓެއްގައި ވަނީ، އެ 48 ބޭހާ ގުޅޭ ގޮތުން އިންޑިއާގެ ބޭސް ރެގިއުލޭޓް ކުރާ މައި އިދާރާ ސީޑީއެސްސީއޯއިން ވަނީ އެލާޓްކޮށްފަ އެވެ.
އެ އެލާޓާ ގުޅިގެން، ރާއްޖޭގެ މާކެޓުގައި އަދި ރާއްޖެއަށް އެތެރެކުރުން ހުއްދަ ދީފައިވާ ޑުރަގު ލިސްޓުގައި އެ ބޭސްތައް ހިމެނޭތޯ ބެލުމަށް އެ އޮތޯރިޓީގެ ފަރާތުން ގިނަ މަސައްކަތްތައްކޮށް މާކެޓް އިވެލުއޭޝަން ހަދައިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. މިގޮތަށް ބެލިބެލުމުން، އެ ލިސްޓުގެ 44 ވަނައިގައިވާ ބޭހަކީ އެޕްރޫވްޑް ޑްރަގު ލިސްޓުގައި 2017 ވަނަ އަހަރު ހިމަނާފައިވާ ބޭހެއް ކަމާއި، ނަމަވެސް 2018އިން ފެށިގެން އެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖޭ އެތެރެ ކުރެވިފައިނުވާކަން ޔަގީން ކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ.
hps://ir.com/MFDA_mv/ss/1841073264309010521
އަދި ސީޑީއެސްސީއޯގެ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓް ކުރުމަށް ކަނޑައަޅައިފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އިމްޕޯޓުކޮށްފައި ނުވާކަން ވެސް އެމްއެފްޑީއޭއިން އިން ބުނެ އެވެ. ނަމަވެސް އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ މިކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.
މީގެއިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް ބޭސް އިމްޕޯޓުކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް، މިފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށް ޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފަ އެވެ.