ކުރީގެ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕުކުރުމާ ގުޅިގެން ބޭންކިން ނިޒާމުގައި އިތުރުވެފައި ހުރި ފައިސާ މަދުކުރަން އޯޕަން މާކެޓް އޮޕަރޭޝަނެއް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި މުނައްވަރު ވިދާޅުވީ އޯޕަން މާކެޓަކަށް ދާން ނިންމީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުން ފާސް ވެސް ކޮށްގެން ކަމަށެވެ.
މި ސަރުކާރުން އައްޔަންކުރި ގަވަރުނަރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަހުތިން އަހަރުގެ ތެރޭގައި 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އަދި މިއީ މީގެ 40 އަހަރު ކުރިން ޗާޕުކުރި ފައިސާއާ ނުބައްދަލު ޢަދަދެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ މީގެ ނޭދެވޭ އަސަރު އިގުތިސާދަށް ކޮށްފައިވާކަން ފާހަގަވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
މަރުކަޒީ ބޭންކުން ބުނީ ޗާޕްކުރި ފައިސާ މަދުކުރަން ފެށުމުން ސަރުކާރުގެ ކޭޝްފްލޯއަށް ދަތިތަކެއް އަންނާނެ ކަމަށެވެ. ނަމަވެސް ސިނާޢަތްތަކުގެ ތަޖުރިބާކާރުންނާއި އެހެން ވެސް ބޭފުޅުންގެ ލަފާއަކީ، މިކަން ކުރުން ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ އެމްއޭއިން މިކަން ކުރާނީ އެއްފަހަރާ ނޫން ކަމަށާއި މަޑުމަޑުން ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށެވެ. އެގޮތުން މާކެޓުން 5-6 ބިލިއަން ރުފިޔާ ނަގާނެ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައުމާ އެކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފައިސާ ދެން ޗާޕް ނުކުރާނެކަން އިއުލާން ކުރައްވައިފަ އެވެ.