ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ގަތުލު އާންމެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ދެކުނު އެފްރިކާ އިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލާގައި ބައިވެރިވާން ރާއްޖޭން މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލައަކީ ދެކުނު އެފްރިކާގެ ފަރާތުން 29 ޑިސެންބަރު 2023 ގައި އައިސީޖޭ އަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި، ދެކުނު އެފްރިކާއިން ހުށަހަޅާފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ރާއްޖެއިން މިއަދު ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުން ކަމަށެވެ.
އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތައް ކުށްވެރިކޮށް، އެ ޢަމަލުތަކަކީ ޖެނޮސައިޑް އަދި އެޕާތައިޑްގެ ޢަމަލުތަކެއްކަމާއި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުން ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.
އެގޮތުން، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމަކީ އިންސާފާއި ބައިނަލްއަޤްވާމީ ނިޒާމަށް މަލާމާތެއްކަމާއި، އ.ދ. ގެ ޤަރާރުތަކާއި، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު މި ނިރުބަވެރިކަމުގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވެން ޖެހޭނެކަމަށް ވިދާޅުވެފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލުހޭދުގެ ޢަމަލުތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.
މީގެއިތުރުން ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުންކަމަށްވާއިރު، މި ޙައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގައި ޔަޤީންކަން ސަރުކާރުން ވަނީ ދީފަ އެވެ.