އެމްއެމްއޭ އިން އިއްޔެ ގެނައި ބަދަލާއެކު ބިދޭސީން ކޮންޓްރޯލް ކުރަމުންދިޔަ ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް އަންނާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ދާއިރާ އަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ތެރެއިން ބައެއް ބޭންކުތަކަށް މާރުކުރުން އެމްއެމްއޭ އިން މިހާރު ވަނީ ލާޒިމުކޮށްފަ އެވެ. މިގޮތަށް ލާޒިމުކުރީ ރާއްޖެއަށް ވަންނަ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުންނެވެ. މި ގަވާއިދަކީ ފޮރިން އެކްސްޗޭންޖް ރޭޓުގެ ނިޒާމު ތަންފީޒުކުރުމަށްޓަކައި ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުމާއި ފޮރިން އެކްސްޗޭންޖާ ގުޅޭ އެހެންވެސް ސިޔާސަތިތައް ކަނޑައަޅާ ގަވާއިދެކެވެ.
މި ބަދަލާއި ގުޅިގެން އާދަމް ޝަރީފު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ކެރޭ ނިންމުންތައް ނިންމަވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"ޑޮލަރުގެ މައްސަލަ އަށް މި ގެނައި ބަދަލުގެ ސަބަބުން ބިދޭސީން ކޮންޓްރޯލް ކުރަމުންދިޔަ ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭއިން އިއްޔެ ގެޒެޓުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން މީރާގައި ރަޖިސްޓްރީވެފައިވާ ޓޫރިޒަމް ވިޔަފާރިތަކުން މި ގަވާއިދާ އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަންޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓްރީކުރުމަށްފަހު ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ޓޫރިޒަމް ދާއިރާގެ ހިދުމަތްތަކާއި ވިއްކާ މުދަލުގެ ތަފުސީލު އެމްއެމްއޭއާ ހިއްސާކުރަންޖެހެ އެވެ.
ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބޭންކެއްގައި ހުންނަ އެ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ. މި ގޮތަށް ފައިސާ ޖަމާކުރަން ޖެހޭނީ ޑޮލަރުން ނުވަތަ އެމްއެެމްއޭއިން ހުއްދަކުރާ އެހެން ބޭރު ފައިސާއަކުންނެވެ.
އޭގެ އިތުރުން ބޭރު ފައިސާ ލިބޭ އާމްދަނީގެ ވަކި މިންވަރެއް، ވަކި އަދަދެއްގެ ތެރޭގައި މާރުކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އެގޮތުން:
– ކެޓަގަރީ އޭގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހު ކުރިން ބޭންކެއް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެ
– ކެޓަގަރީ ބީގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ވެސް ހަމަ މިގޮތަށް ބޭރު ފައިސާ މާރުކުރަން ޖެހޭނެ؛ ނަމަވެސް އެއީ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން
ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓު އެ ހަފުތާއެއްގެ ބުދަ ދުވަހުގެ ކުރިން އެ އޮތޯރިޓީ އަށް ވިއްކަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.