Last Updated: December 22, 10:04
Sunday, December 22, 2024
ޚަބަރު

ވޭޕް މަނާކުރަން ކުޅިވަރު ޖަމިއްޔާތަކުން ގޮވާލައިފި

ވޭޕް އަދި އީ ސިނގިރޭޓް ރާއްޖެ އަށް އެތެރެކުރުމާއި، ވިޔަފާރި ކުރުމާއި އަދި އެތަކެތި ގެންގުޅުން މަނާކުރުމަށް 21 ގައުމީ ކުޅިވަރު ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

އެ ޖަމިއްޔާއަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ކުޅުންތެރިންނާއި، ތަމްރީނުދޭ ފަރާތްތަކުގެ މެދުގައި ވޭޕް އަދި އީ-ސިނގިރޭޓް ބޭނުންކުރުން އަންނަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުން ކަމަށާއި މިކަމުގެ ސަބަބުން ކުޅުންތެރިންގެ ފުއްޕާމެއަށް ދިމާވާ ސިއްހީ އެކިއެކި މައްސަލަތަކާއި، ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުޅުންތެރިންގެ ފާފޯމެންސް ދަށްވެ، ކުރިއެރުމަށް ހުރަސްއެޅި، ދުޅަހެޔޮކަން ގެއްލި، ކުޅިވަރު ކުޅުމާ ދުރަށްދާކަން ފާހަގަކުރެވެން ފަށާފައިވާ ކަމަށެވެ.

މިކަމަކީ ރާއްޖޭގެ ކުޅިވަރާއި، ދުޅަހެޔޮކަން ޕްރޮމޯޓް ކުރުމަށް ސަރުކާރުންނާއި މަދަނީ ފަރާތްތަކުން ކުރާ މަސައްކަތަށް ހުރި ބޮޑު ގޮންޖެހުމެއް ކަމަށާއި އަދި މިކަން ވެފައިވަނީ ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ދިވެހިން ދެކެން ބޭނުންވާ ރަން ވަނަތަށް ހާސިލުކުރަން އެޅިފައިވާ ހުރަހަކަށް ކަމަށްވެސް ބުނެފައިވެ އެވެ.

"ކުރިއަށް އޮތް ޖީލު މި ވަބާއިން ސަލާމަތްކުރުމަށްޓަކާ ވޭޕް އަދި އީ ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުމާއި، ވިޔަފާރި ކުރުމާއި އަދި އެތަކެތި ގެންގުޅުން މަނާކުރުމަށް ގޮވާލަމެވެ،" އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

މި ބަޔާނުގައި ވަނީ ދުނިޔޭގެ ބައެއް ގައުމުތަކާއި އަދި ރާއްޖޭގެ އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް ވޭޕް އަދި އީ ސިނގިރޭޓް މަނާކޮށްފައިވާކަން ފާހަގަކޮށްފަ އެވެ. އަދި މިކަން ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައިގަނެ މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.