އާމްދަނީ ހޯދުމުގެ ގޮތުން އެމްޑީޕީން ވިޔަފާރީއެއް ފެށުމަށް ނިންމައިފި އެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރި ގަރާރެއްގައި ބުނީ ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއަކީ މިވަރުގެ ބޮޑު ޕާޓީއެއްގެ އިދާރީ ހިންގުމަށާއި އަދި ހަރަކާތްތަކަށް ކުރާ ހަރަދުތައް ހަމަޖެއްސުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ.
އެގޮތުން ޕާޓީއަށް އިތުރު ފައިސާ ހޯދުމަށްޓަކާ ކުރެވެން ހުރި ޖެހިއްޖެ ކަމަށް ފެނުނު ހިނދު، އާމްދަނީ ހޯދުމުގެ ގޮތުން ޕާޓީއަށް ހުރި ވިޔަފާރީގެ ފުރުސަތުތައް ދެނެގަތުމާއި އަދި ވިޔަފާރި ރަޖިސްޓްރީ ކުރެވެން އޮތް އެންމެ ރަނގަޅު މޮޑެލް އަކީ ކޮބައިކަން ދެނެގަތުމަށްފަހު، ވިޔަފާރި ރަޖިސްޓްރީ ކުރާނެ ގޮތެއް ކަނޑައެޅުމަށާއި، ކުރާނެ ވިޔަފާރިތަކާއި، އެ ވިޔަފާރިތައް ކުރާނެ އުސޫލުތައް ފާސްކުރަން ގައުމީ މަޖިލީހުގެ ބައްދަލުވުމަކަށް ވީ އެންމެ އަވަހަކަށް ހުށަހަޅަންޖެހޭނެ ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.
މި ގަރާރު ފާސްކުރީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ޖަލްސާގައި ވާހަކަދައްކަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އެމްޑީޕީ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ބައިވަރު ފައިސާ ބޭނުންވާ ކަމަށާއި ނަމަވެސް ޕާޓީއަށް 19 އަހަރުވެގެންދިޔައިރު އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި މާލީ މިނިވަންކަމާއި ތަނަވަސްކަން ހޯދިފައި ނެތް ކަމަށެވެ.
އަދި ޕާޓީތަކުގެ ނަމުގައި ވިޔަފާރި ކުރުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުން ހުއްދަ ދޭ ކަމަށާއި ނަމަވެސް ޕާޓީއަކުން ވިޔަފާރި ކުރެވޭނީ ކޮން ގޮތަކުންކަން ރާއްޖޭގެ ވިޔަފާރިކުރުމާބެހޭ ގާނޫނުތަކުން ސާފު ނުވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިހާރު އަމަލުކުރަމުންދާ ކުންފުނީގެ ގާނޫނުން ޕާޓީއަކަށް ކުންފުންޏެއް ރަޖިސްޓްރީކޮށްގެން ހިންގުމުގެ ޖާގަ ލިބޭ ކަމަށް ގަބޫލުކުރާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީއަކަށް ކުންފުންޏެއް އުފެއްދުމަށް ހުރަހެއް ނެތް. އެހެން ނަމަވެސް ސަރުކާރުގައި ތިބި އެކަމާ ބެހޭ ބޭފުޅުން އެކަން ނުކޮށްދެއްވައިފިނަމަ އެކަން ކުރެވޭނެ ގޮތެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރާއި ކަމާބެހޭ އެހެން ފަރާތްތަކާ އެކީ ވެސް މަޝްވަރާކޮށްފައިވާ ކަމަށާއި އަދި ޕާޓީގެ ފަރާތުން ވެސް އެ ބޭފުޅުންނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.