ސިޔާސީ މީހުން ތަމްރީނު ކުރަން އެމްޑީޕީން އެކެޑެމީއެއް ހެދުމަށް ނިންމައިފި އެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ މި އެކެޑެމީގެ ބޭނުމަކީ ސިޔާސީ މައިދާނަށް ނިކުމެފައި ތިބި ބޭފުޅުންނާއި އަދި ނިކުންނަވަން ތިބި ބޭފުޅުންނަކީ ގާބިލު އަދި ސިޔާސީ ކަންކަމަށް ރޯފިލާފައި ތިބި ބަޔަކަށް ހެދުން ކަމަށެވެ. އަދި މި އެކެޑެމީ އަކީ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީ ކުރެވިގެން ހިންގޭ ތަނެއްގެ ގޮތުގައި ހެދުމަށް ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުން ވެސް އަޅުގަނޑުމެންގެ އެކެޑެމީން ތަމްރީނު ލިބިގެން ރާއްޖޭގެ ސިޔާސީ މަސްރަހަށް ނިކުތުން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ފަހަރުގައި ކުރިއަށް އޮތް ތަނުގައި މި އެކެޑެމީން ހިންގާ ކޯސްތަކުގައި ބައިވެރިވާން ރާއްޖޭން ބޭރުން ވެސް މީހުން އައުމަކީ އުއްމީދު ކުރާ ކަމެއް ކަމަށާއި މިއީ އެކަމަށްޓަކާ އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ. މިކަމުގައި މިހާރު ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ޕާޓީއަކުން، ޕާޓީގެ ނަމުގައި އެ ކަހަލަ ކަމެއް ކުރުމާ މެދު، ގާނޫނާއި ގަވައިދުގައި އޮންނަ ގޮތް ސާފު ނުވުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ވަނީ ތިންކް ޓޭންކްއަކާއި އާމްދަނީ ހޯދުމުގެ ގޮތުން އެމްޑީޕީން ވިޔަފާރީއެއް ފެށުމަށް ވެސް ނިންމައި ގަރާރެއް ފާސްކޮށްފަ އެވެ.