ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުޙައްމަދު ޖަމީލު ޢަޙްމަދު ވަރަށް އަވަހަށް މިސަރުކާރުން ޖަލަށްލާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޤައުމީ ހަރަކާތުން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގެ ތެރެއިން އާދީއްތަ ދުވަހުގެ ރޭ އެމް.ޑީ.ޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަ ވަމުން ނިޒާރު ވިދާޅުވީ ނާއިބު ރައީސަކީ ރައީސް ޔާމީން އައްޔަން ކުރައްވާ ބޭފުޅަކަށް ހެދުމަށް މިސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ނިޒާރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުން ޖަމީލް ވަކިކުރާތަން ދާދި އަވަހަށް ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ ކަމަށާއި ކާނަލް ނާޒިމް މަޤާމުން ވަކިކުރުމަށްފަހު ޖަލަށް ލީ ގޮތަށް ޖަމީލްވެސް ޖަލުގެ ކުޑަގޮޅިއަށް ރައީސް ޔާމީން ލާނެކަމީ ޝައްކުކުރައްވާ ކަމެއްނޫން ކަމަށެވެ.
ނިޒާރު ވިދާޅުވީ ޤާނޫނު އަސާސީ އޮތީ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ކަމަށާއި، އެއީ އެއްގޮތަކަށްވެސް ރައީސް ޔާމީނަށް ސަނާކިޔާ ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓަން އޮތްއެއްޗެއް ނޫން ކަމަށެވެ. އެހެންނަމަވެސް މިހާރު ފެނިގެންދަނީ ޤާނޫނު އަސާސީ ޚަރާބު ކުރަން ސަރުކާރުން ބޭނުންހާ ބަދަލެއް ގެންނަތަން ކަމަށް ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ މަޖިލީހުގެ އަޚްލަބިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެންމެހާ ޙައްޤުތައް މިސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށާއި ޤާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަމަކީ ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް ހަމަހަމަ ކަމާއިއެކު ލިބިދީފައިވާ މިނިވަންކަމެއް ކަމުގައި ވީ ނަމަވެސް ރައީސް ޔާމީނާއި މި ސަރުކާރުގެ ތެރެއިން މިހާރު ފެނިގެންދަނީ ސަރުކާރާއި އިދިކޮޅު ފިކުރުގެ ކޮންމެ ރައްޔިތަކީ ސަރުކާރު ދުޝްމިނެއްގެ ގޮތުގައި ދެކި ދިވެހި ރައްޔިތެއްގެ ގޮތުގައިވެސް ބަލައިނުގަންނަ މަންޒަރުކަމަށެވެ.