ބޭރު ފައިސާއާ ބެހޭ ގަވައިދާއި މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދާ މެދު ފާރިސް މައުމޫން ވެސް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
އެ ގަވާއިދަށް އިއްޔެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެކަމާ ގުޅުވައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ނިސްބަތްވާ ފާރިސް ވިދާޅުވީ އެފަދަ އެ ގަވާއިދެއް ސަރުކާރުން އިސް ނެގުމަށް އެކުލަވާލީތީ މަރުހަބާ ވިދާޅުވާ ކަމަށެވެ.
ނަމަވެސް އެ ގަވާއީދު އެކުލަވާލި އިރު ޓޫރިޒަމް ދާއިރާގެ ބޭފުޅުންނާ ރަނގަޅަށް މަޝްވަރާއެއް ކުރެވިފައި ނެތްކަން ސާފު ކަމަށް މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަަ ގޮތުން ވާދަކުރެއްވި ފާރިސް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ވިޔަފާރި އަކީ ކްލައިންޓުންނާއި، ބޭންކްތަކާއި އޭޖެންޓުންނާއި އެކު ވެވިފައިވާ އެއްބަސްވުންތަކެއްގެ މައްޗަށް ބިނާވެފަވާ މަސައްކަތެއް ކަމަށާއި ކުއްލިއަކަށް ބޮޑެތި ބަދަލުތައް ގެންނަން ވަރަށް ދަތިވާނެ ކަމަށެވެ.
"މިސިޔާސަތުތައް 2023 ވަނަ އަހަރު ޕީއެންސީ ގެ މެނިފެސްޓޯގެ ބައެއްގެ ގޮތުގައި ހިމަނާފައި ހުރި ނަމަ، މިއީ އާންމު މެންޑޭޓެއް ލިބި، ސަރުކާރަށް އޮމާންކަމާ އެކު ތަންފީޒު ކުރެވޭނެ ކަމަކަށް ވީސް." ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ ގައުމަށް ފައިދާ ހުރި އެއްވެސް ސިޔާސަތަކަށް މަޓީން ހުރަހެއް ނާޅާނެކަން، ޔަގީން ކަމަށެވެ.
"އެކަމަކު މެނޭޖް ކުރެވޭނެ ހައްލެއް ނުހޯދާ މިފަދަ ބަދަލެއް ނުގެނެވޭނެ." އޭނަ ވިދާޅުވި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ގަވާއިދުގައި ޓޫރިޒަމް ދާއިރާ އަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ތެރެއިން ބައެއް ބޭންކުތަކަށް މާރުކުރުން ލާާޒިމުކޮށްފައިވެ އެވެ.