ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގައި، އެމްއެންޑީއެފްގެ މާލޭ އޭރިޔާ ކޮމާންޑަރަކަށް އޭރު ހުންނެވި، މިހާރު ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ދީދީގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ހިތުގެ މައްސަލަ އަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޓްކުރެވުނެވެ.
ދާއިރާގެ އަޑު މަޖިލީހުގައި އިއްވާލަދޭން ހުންނެވި މެންބަރުގެ ގޮނޑު ގެއްލުވާލަން ޓެރަރިޒަމްގެ ދައުވާ އެއް އެބޭފުޅާގެ މައްޗަށް ކުރެވުމުން ލިބުނު ހިތާމަ އަށް ވުރެ ކުއްލިގޮތަކަށް އައިސީޔޫގައި އެޑްމިޓްކުރެވުނު ޚަބަރު ލިބުމުން ދާއިރާގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާ ބޮޑު ހިތާމައެކެވެ. މިގޮތުން ސޯޝަލް މީޑިޔާ މެދުވެރިކޮށް ވެސް ހިތަދޫ މެދު ދާއިރާގެ ގިނަ ރައްޔިތުންގެ ފަރާތުން އިބްރާހިމް ދީދީ އަށް އަވަސް ޝިފާއަކަށް އެދި މެސެޖްތައް ފޮނުވާފައިވާ ކަމަށް ވެއެވެ.
ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯއްދެވުމަށްފަހު އިބްރާހިމް މުހައްމަދު ދީދީ އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް ގެންދިޔަ ޚަބަރު ވެސް ދާއިރާގެ ރައްޔިތުންނަށް އެނގިގެން ގޮސްފައިވަނީ މީޑިޔާ މެދުވެރިކޮށެވެ. ދީދީގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށް ވެސް އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންތައް ކުރިއަށް ދާ ގޮތެއް އެނގިވަޑައިގެންފައެއް ނުވެއެވެ.
ރަސްމީ ގޮތެއްގައި އިބްރާހިމްދީދީގެ ފަރާތްޕުޅުން ދާއިރާގެ ރައްޔިތުންނަށް އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންތަކާއި ބެހޭގޮތުން މަޢުލޫމާތެއް ޙިއްސާކޮށްފައި ނުވި ނަމަވެސް، ދާއިރާގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި އިބްރާހިމް ދީދީ އަދިވެސް ގެންދަވަނީ އިންޑިޔާގެ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ކަމަށެވެ. ނަމަވެސް އެހެން ރައްޔިތުންގެ ޚިޔާލު މިކަމުގައި ތަފާތު ކަމުގައި ދަންނަވަން ޖެހެއެވެ.
"ނޮވެބްބަރ 3 ގައި އެއީ ހީރޯ . މިއަދު ޒީރޯ ! ކޯޓުން ޙުކުމްކޮށްފާނެތީ ބިރުން ފިލީ، ތިމަންނާއަކީ މާ ދެން ކެރޭ ހިތްވަރުގަދަ މީހެއް ކަމުގައި ދެއްކެން މޭފުއްޕާފައި އުޅުނެއްނު. ބަލިވެދާނެ، އެކަމަކު ވާނުވާ ރައްޔިތުންނަށް އަންގަން ޖެހޭނެ. " ހިތަދޫ މެދު ދާއިރާ އަށް ނިސްބަތްވާ ޒުވާނަކު ބުންޏެވެ.
އިބްރާހިމް ދީދީގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނިގޮތުގައި އިބްރާހިމް ދީދީ އިންޑިޔާ އަށް ވަޑައިގަތީ ފަރުވާ ހޯދުމަށް ކަމަށާއި އެހެން ނަމަވެސް މިހާރު އިބްރާހިމް ދީދީ އިންޑިޔާގައި އެހުންނެވީ ގޮނޑި "ހިމާޔަތް" ކުރުމަށް ކަމަށެވެ.
"އަސްލު ސިޔާސީ ގޮތުން ކުރެވޭ ދަޢުވާ އަކާއި ގުޅިގެން އިބްރާހިމް ދީދީ އެހުންނެވީ ގޮނޑި "ހިމާޔަތް" ކުރައްވަން މިވަގުތު އިންޑިޔާގައި. އެކަން ރައްޔިތުން އެބަޖެހޭ ހަޖަމު ކުރަން " އޭނާ ބުންޏެވެ.
ރައްޔިތުން ހަޖަމު ވެސް ކޮށްފިއެވެ. ސަރުކާރާއި އެމްޑީޕީ އާއި ދެމެދު ހެދުނު ވަރުގަދަ ޑީލެއްގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އެވަނީ އިބްރާހިމްދީދީގެ "އާލާސްކަންފުޅަށް" އެންމެ ފަހުން ފަރުވާ ދެއްވާފައެވެ. ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ މުޙައްމަދު ހައްޔަރުކުރި މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރި ދަޢުވާ ޕްރޮސިކިއުޓާ ޖެނެރަލް ވަނީ އަބުރާ ގެންގޮސްފައެވެ.
އިބްރާހިމްދީދީގެ މައްޗަށް ކުރި ދަޢުވާ އަނބުރާ ގެންދިއުމާއި އެކު އެމަނިކުފާނުގެ ފޭސް ބުުކް ޕޭޖް ވެސް ވަނީ 'އެކްޓިވް' ވެފައެވެ. ނަމަވެސް އިބްރާހިމް ދީދީ ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދިވެސް ނޭނގެއެވެ. ދާއިރާގެ ރައްޔިތުން ބުނާގޮތުން އެއީ 'ބޮޑު ސިއްރެކެވެ.'