Last Updated: November 26, 20:40
Tuesday, November 26, 2024
ޚަބަރު

ރޯދަ އިނާޔަތް 5،000ރ. އަށް ބޮޑުކުރަން އެމްޑީޕީން ހުށަހަޅައިފި

ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)

ރޯދަ މަހުގެ އިނާޔަތް 5،000ރ. އަށް ބޮޑުކުރަން ވަޒީފާއާ ބެހޭ ގާނޫނަށް އެމްޑީޕީން އިސްލާހު ހުށަހަޅައިފި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ހުށަހެޅުއްވި އިސްލާހުގައި ވަނީ "ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 5،000ރ. ދޭން ވާނެ" ކަމަށެވެ.

ރުކުމާ މިއަދު ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ ރޯދަ އިނާޔަތް 3،000ރ. އަށް ހަމަހަމަކުރުމުން 9،000-42،000ރ.ގެ މުސާރަ ކުރިން ލިބުނު މުވައްޒަފުންގެ ރޯދަ އިނާޔަތުން ސަރުކާރަށް ބޮޑު ފައިދާއެއްވާނެ ކަމަށެވެ.

"މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކޮމިޝަންތަކާއި ޑިރެކްޓަރުން ފެންވަރު ބޭފުޅުންގެ ވެސް ރޯދަ އިނާޔަތް ހަމަހަމަކޮށްލީމަ ފައިދާތަކެއް އެބަވޭ ސަރުކާރަށް. އެހެންވީމަ ރޯދަ އިނާޔަތް ހަމަހަމަކުރާއިރު 5،000ރ. އަށް ބޮޑުކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" ރުކުމާ ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ރޯދަ މަސް ފެށުމުގެ ކުރިން، އެ މީހަކަށް ލިބޭ މުސާރައިގެ ތިން ބައިކުޅަ އެއްބައި ދޭންވާނެ އެވެ. އަދި މުސާރައިގެ ތިން ބައިކުޅަ އެއްބައި 2،000ރ. އަށް ވުރެ ކުޑަ ނަމަ ދޭން ޖެހެނީ 2،000ރ. ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. މުސާރައިގެ ތިން ބައިކުޅަ އެއްބައި 10،000ރ. އަށް ވުރެ ގިނަ ނަމަ، ދޭން ޖެހޭނީ 10،000 ރުފިޔާ އެވެ.