ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް އޮސްޓްރޭލިއާގެ އެހީ ހޯދަން ނިންމައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އާބަން ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ.
މި ސަރުކާރުގެ މެނިފެސްޓޯގައި 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުން ހިމަނާފައިވެ އެވެ. އެގޮތުން ދާދިފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ މި ޕްލޭން ހެދުމުގެ މަސައްކަތް ފަށައި، އެއް އަހަރު ތެރޭ އެ ޕްލޭން އެކުލަވާލަން ނިންމާފަ އެވެ.
އެ މަސައްކަތާއި ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭނުގެ މަސައްކަތް އެއް އަހަރު ތެރޭ ނިންމާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށެވެ.
"ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި، އެކިއެކި ސްޓޭކް ހޯލްޑަރުންނާއި އެކިއެކި އެކްސްޕާޓުން ހިމެނޭ ގޮތަށް ވަރަށް ފުރިހަމަ ބައިވެރިވުމާއި މަޝްވަރާއާ އެކީގައި ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެކުލަވައިލުމުގެ މަސައްކަތް މި ފަށަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ޕްލޭނަށް ގާނޫނީ ހިމާޔަތްތެރިކަން ދިނުމުގެ ގޮތުން ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް އަދި ހާއްސަ ވަކި ގާނޫނެއް އެކުލަވައިލައްވާނެ ކަމަށެވެ. މީގެ މަގުސަދަކީ ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލާ 20 އަހަރު ދުވަހުގެ ތަސައްވުރަކީ އެއަށް ރައްޔިތުންގެ ޔަގީންކަން އޮންނަ ކަމަކަށް ހެދުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މި ޕްލޭނާއި ގުޅޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ ރަށެއްގައި ވަރަށް ތަފުސީލީ ގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން ބޭނުންވާ ގޮތަށް އަދި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ފުރިހަމަ 20 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލުން ކަމަށްވެސް ވިދާޅުވި އެވެ.
"މިކަމަކީ އަޅުގަނޑުމެން އެންމެންގެ މަސައްކަތެއް. އެންމެންގެ ބައިވެރިވުމާއެކު އެންމެންގެ ކުރިއެރުމަށްޓަކައި، އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލަށްޓަކައި ކުރާ މަސައްކަތަކަށް ގެންދާނެ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.