Last Updated: December 5, 06:25
Thursday, December 5, 2024
ޚަބަރު

އައްޑޫން ދޫކޮށްފައިވާ 1،700 ގޯތި ފަޅަށް އޮތުމުން ފިޔަވަޅު އަޅަނީ

މީގެ ފަސް އަހަރު ކުރިން އައްޑޫ ސިޓީން ދޫކޮށްފައިވާ 1،700 އަށް ވުރެ ގިނަ ގޯތި ފަޅަށް އޮތުމުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އައްޑޫ ކައުންސިލުން ދީފި އެވެ.

އައްޑޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އައްޑޫގެ އަވަށްތަކުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގޯތި ދޫކުރެވުނު މުއްދަތުން ފެށިގެން ފަސް އަހަރު ދުވަސްވީއިރު ވެސް ގޯތީގައި ދިރިއުޅެން ފަށާފައި ނުވާ ގޯތިތަކާއި ދިރިއުޅުމަށްފަހު ފަޅުކޮށްފައިވާ ގިނަ ޢަދަދެއްގެ ގޯތިތައް ހުރުމާއި އެކު މިކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ދިރިއުޅެން ފަށާފައިނުވުމުގެ ސަބަބުން އެކިއެކި ނޭދެވޭ ޢަމަލުތައް އެތަންތާގައި ހިންގައި އޭގެ ސަބަބުން އިޖުތިމާޢީ އެތަކެއް މައްސަލަތަކެއް ކުރިމަތިވެ އެފަދަ ތަންތާގައި މަދިރި އާއި މީދާ ފަދަ ސޫފާސޫފި އާލާވެ އެސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް އުނދަގޫވެ ޢާންމު ސިއްޙަތައް ނުރައްކާވާކަމުގެ ޝަކުވާތައް ތަކުރާރުކޮށް ލިބެމުންދާ ކަމަށް ކައުންސިލުން ބުނެ އެވެ. އަދި ގޯތި ޙަވާލުކުރެވުނު ފަހުން ބައެއް ފަރާތްތަކުން ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅާފައި ނުވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ފަޅު ގޯތިތަކުގެ އަދަދު:

ހިތަދޫ: 802 ގޯތި
މަރަދޫ: 106 ގޯތި
މަރަދޫފޭދޫ: 23 ގޯތި
ފޭދޫ: 160 ގޯތި
ހުޅުދޫ: 512 ގޯތި
މީދޫ: 109 ގޯތި

ކައުންސިލުން ވަނީ މިއަދުން ފެށިގެން 30 ދުވަސްތެރޭގައި ރަޖިސްޓަރީ ނުކޮށް ހުރި ގޯތިތައް ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމަށާއި އަދި މިއަދުން ފެށިގެން 30 ދުވަސްތެރޭ ގޯއްޗާއި ގޯތި ވަށައިގެންވާ މަގުތައް ސާފުކޮށް ބެލެހެއްޓުމުގެ އިތުރަށް މިއަދުން ފެށިގެން 6 މަސް ދުވަސް ތެރޭގައި ގޯތީގައި އިންފާރު ރޭނުމަށް އަންގާފަ އެވެ. އަދި މިއަދުން ފެށިގެން 1 އަހަރުތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ވެސް އަންގާފައިވެ އެވެ.

މި އެންގުމާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.