ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަސްލު ސޫރަ މިހާރު ފެންނަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔަހޫދީންނަށް ވެސް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށް ރައީސް މުއިއްޒު ދާދިފަހުން ވިދާޅުވެފައިވާތީ އެކަމަށް ފާޑު ވިދާޅުވެ ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖެ އަށް ޔަހޫދީން ގެންނަން ނޫޅުމަށާއި ޔަހޫދީން ދިމްޔާތަށް ގެންދިޔުން މާ ރަނގަޅު ވާނެ ކަމަށެވެ.
"މިހާރު މި ނިކުންނަނީ މީހާގެ އަސްލު ސޫރަ. ހިތްޕުޅުގައި އޮންނަ ވާހަކަ މި ނިކުންނަނީ. ލިޔެފައި ފޮތެއް ހިފައިގެން އެރުވީމާ ދައްކާ ވާހަކައާއި އިންޓަވިއުއެއް ދިނީމަ ދައްކާ ވާހަކަ ތަފާތު. ކޮބާހޭ ރަނގަޅު ގޮތަކީ؟ ރަނގަޅު ގޮތަކީ ހިތުގެ ޝުއޫރާއެކީ އަންނަނީ އިންޓަވިއުގައި ދައްކާ ވާހަކަ. އެއީ ބަލައިގެން ކިޔާނެ ފޮތެއް ނެތް. އެހެންވީމަ މިހެން ވާނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައީސް މުއިއްޒު މިހާރު އުޅުއްވަނީ ހުރިހާ އެއްޗެއްގައި "ބައްދާ" ޖަހައިގެން ކަމަށާއި ނަމަވެސް މިގޮތަކަށް މިކަންކަން މަސައްކަތް ނުކުރާނެ ކަމަށެވެ. އެގޮތުން ދައުލަތުގެ އެންމެ އިސްވެރިން ދައްކަވާ ވާހަކަތައް ރައްޔިތުން ބަލާނެ ކަމަށާއި އެ ބޭފުޅާއާ މެދު ރައްޔިތުންގެ އުއްމީދުތަކެއް ހުރިއިރު، ވެފައިވާ ވައުދުތަކުގައި ކޮޅުފައިން ނުޖަހައި އެ ވައުދުތައް ފުއްދުމަށް ޔާމީން ގޮވާލެއްވި އެވެ.
ނަމަވެސް މި ސަރުކާރުން އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ވެފައިވާ ވައުދު ނުފުއްދޭކަން ފާހަގަކުރައްވަމުން ޔާމީން ވަނީ ރާއްޖޭގައި އަދިވެސް އިންޑިއާ ސިފައިން އެބަތިބި ކަމަށް ވިދާޅުވެފަ އެވެ.