ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޕޯޓޯ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި ވަނީ ޓްވެންޓޭއާ ބައްދަލުކޮށް 1-1 އިން އެއްވަރުވެފަ އެވެ. ޕޯޓޯ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޔޫނިއަން ސެއިންޓް ގިލޮއިސް އަތުން 3-2 އިން ބަލިވެފަ އެވެ.
ޕޯޓޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 20 މިނެޓްތެރޭ ޔުނައިޓެޑުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. މެޗުގެ 7 ވަނަ މިނެޓްގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ މާކަސް ރަޝްފޯޑް ކަމަށްވާއިރު، މެޗުގެ 20 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ރަސްމުސް ހޮއިލެންޑެވެ.
ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕޯޓޯ އިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. ޕޯޓޯގެ ފުރަތަމަ ގޯލު 27 ވަނަ މިނެޓްގައި ޕެޕޭ ކާމިޔާބުކޮށްދިން އިރު އޭގެ ތިން މިނެޓް ފަހުން ނަތީޖާ އެއްވަރުކޮށްދިނީ ޒުވާން ފޯވާޑް ސަމޫ އޮމޯޑިއޮން އެވެ. އަދި ދެވަނަ ހާފް ފެށިގެން ފަސް މިނެޓްތެރޭ ސަމޫ ވަނީ ޕޯޓޯ އަށް ލީޑު ނަގައިދީފަ އެވެ.
މެޗުގެ 81 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އަށް ރަތްކާޑު ދެއްކިއިރު، އޭނާ އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ޕޯޓޯގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ. މި މެޗުން ޔުނައިޓެޑް ބަލިވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ހެރީ މެގުއާ އެވެ. މިއީ ކްރިސްޓަން އެރިކްސަން އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން މެގުއާ ކާމިޔާބުކުރި ގޯލެކެވެ.
ޔޫރޮޕާ ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ތުރުކީގެ ފެނަބާޗޭއާ އެވެ. ޕޯޓޯ ނިކުންނާނީ ޖަރުމަނުގެ ހޮފެންހެއިމްއާ ދެކޮޅަށެވެ.