ބޭރު ފައިސާ ގަނެވިއްކުމާ ގުޅޭ ގޮތުން އެމްއެމްއޭ އިން ގެނައީ ހެޔޮ ބަދަލެއް ކަމަށާއި ވެރިކަން ކުރާއިރު އެންމެން ހިތްހަމައެއް ނުޖެއްސޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ދާއިރާ އަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ތެރެއިން ބައެއް ބޭންކުތަކަށް މާރުކުރުން އެމްއެމްއޭ އިން މިހާރު ވަނީ ލާޒިމުކޮށްފަ އެވެ. މިގޮތަށް ލާޒިމުކުރީ ރާއްޖެއަށް ވަންނަ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުންނެވެ. މި ނިންމުމާ މެދު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީން (މަޓީ) ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ފައިސަލް ވިދާޅުވީ މިއީ މިވަގުތަށް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށާއި މިކަމުގެ ހެޔޮ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ. ޓޫރިޒަމުން ރާއްޖެ އަށް ޑޮލަރު ލިބޭ ކަމަށާއި ނަމަވެސް އާންމު ރައްޔިތުންނަށް ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބެނީ 19 ރުފިޔާ އަށް ކަމަށްވާއިރު އެމްއެމްއޭގެ މި ފިޔަވަޅުގެ ސަބަބުން ކަޅު ބާޒާރު ނައްތާލެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންބޮޑުވުން މިކަމުގައި ހުރިކަން ފާހަގަކުރައްވަމުން ފައިސަލް ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމްއެމްއޭގެ ގަވަރުނަރާއި ހިސާބަށް ވެސް ގެންގޮސްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ރައީސް މުއިއްޒު މިފަދަ އުނދަގޫ ނިންމެވުންތައް މިއަދު ނިންމަވަން ޖެހިވަޑައިގެންނެވީ މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް ހަކަތަ ހުރި އިގްތިސާދެއް ބިނާ ނުކުރެވުމުން ކަމަށެވެ. އަދި ވެރިކަން ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ވެރިކަން ކުރާއިރު އެންމެން ހިތްހަމައެއް ނުޖެއްސޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އޭގެ ސަބަބުން ދުރު ރާސްތާގައި ރާއްޖޭގެ ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ ކުރާ ކަހަލަ ނިންމުންތައް ކަމަށްވަނީނަމަ އަޅުގަނޑު ގަބޫލުކުރަނީ އެއީ ރަނގަޅު ނިންމުންތައް ކަމަށް. އެމްއެމްއޭ އިން ގެނައީ އެ ބަދަލަކީ ހެޔޮ ބަދަލަކަށް ވެގެންދާނެ ކަމަށް. އަދި އޭގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން އިންޑަސްޓްރީގެ އަޑުއަހައިގެން، މަޝްވަރާގެ އުސޫލުން ކުރިއަށްގެންދާނަން،" ފައިސަލް ވިދާޅުވި އެވެ.