ސިޔާސީ ކަންކަމުގައި މިއުޅޭ މީހުންނަކީ ވަރަށް ހެއްވާ ބައެކެވެ. އެމީހުން ބުނާގޮތުންނަމަ ރައްޔިތުންދެކެ އެންމެ ލޯބިވާބަޔަކީ އެ މީހުންނެވެ. ރައްޔިތުންނަށް އެންމެ ހެޔޮއެދޭ ބަޔަކީ އެމީހުންނެވެ. ރައްޔިތުންނަށް އެންމެ ބޮޑަށް އެހީތެރިވާ ބަޔަކީވެސް އެމީހުންނެވެ. އަދި ކުޑަމިނުން ރައްޔިތުންނަށްވުރެ ރަނގަޅަށް ރައްޔިތުންނަށް ފައިދާހުރި ކަންކަން އެނގެނީވެސް އެމީހުންނަށެވެ. މިކަން އެންމެ ރަނގަޅަށް އިޙްސާސްކުރެވޭނީ އިންތިޚާބުތަކުގެ ތެރޭގައެވެ.
ނަމަވެސް ކަމުގެ ޙަޤީޤަތާމެދު ފުންކޮށް ނަޒަރު ހިންގާލާއިރު ގިނަފަހަރަށް ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ތިމާމެންގެ އަމިއްލަ މަންފާޔަށް އިސްކަންދީފައި އޮންނަ ތަނެވެ. ރައްޔިތުންގެ މަސްލަހަތަށްވުރެ ބޮޑަށް ތިމާމެންގެ ޒާތީ މަންފާތަކުގެ ވަށައިގެން އެނބުރޭ ތަނެވެ. ރައްޔިތުންގެ ޙައްޤުތައް ޤުރުބާންކޮށްގެން ވިޔަސް ޤަމުމުގެ މުއްސަނދިކަމުގެ ނާޖާއިޒު ފައިދާ ހޯދުމަށް ދަހިވެތިވެފައިވާ ތަނެވެ. ރައްޔިތުން ބައިބައިކޮށް މަގުފުރައްދާ، ވާވައްދައިގެން ވިޔަސް ތިމާމެންނަށް މޮޅުގޮތް ހޯދުމުގައި އަވަދިނެތި އުޅޭ މަންޒަރެވެ.
ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގާދިޔަ އެންމެ ނުތަނަވަސްކަން ބޮޑު ޙާދިސާއަކީ 7 ފެބްރުއަރީ ގެ ޙާދިސާއެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔުމާ، އަދި އެކަމާ ގުޅިގެން އޭގެ ފަހުންނާއި އޭގެ ކުރިން ވެސް ހިގާފައި ހުރިކަންކަމެވެ. އެކަންތަކުގެ ތެރޭގައި އެކިމީހުންގެ މުދަލަށް އެކިވަރުގެ ގެއްލުން ލިބިފައިވޭވެ. ދައުލަތުގެ މުދަލާއި ޢިމާރާތްތަކަށް އަގުނުކުރެވޭވަރުގެ ގެއްލުންވެސް ލިބިފައިވޭވެ. ދިވެހި ރައްޔިތުންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތައް ލިބި، އޭގެ ސަބަބުން ނަފްސާނީ ގޮތުން އެތައްބަޔަކަށް ނޭދެވޭ އަސަރުކުރިއެވެ. މިކަމުގައި ދެފަރާތުގެ އިޙުމާލުވެސް ވާކަން ޤަބޫލުކުރެވެއެވެ. ކޮންމެއަކަސް ވެރިކަން ބަދަލުވުމުގެ ޙާދިސާއާއި ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދުނު 'ޖަޒުބާތީ' ޝުޢޫރުތައް އަދިވެސް މައިތިރިވާކަށް ނޫޅޭއެވެ. އެއްބަޔަކު އަނެއްބަޔަކާ މޫނުކެނޑި އަވައްޓެރިކަމާއި ގާތްތިމާގެ ކަންވެސް މިވަނީ ކެނޑިގެންގޮސްފައެވެ. މި ޙާލަތުގައި ދިވެހިރާއްޖެ ދެމިއޮންނަތާ ފުރިހަމަ ތިން އަހަރު ވީއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ޙާދިޘާގައި އެމަނިކުފާނަށް ގޯސްތަކެއް ހެއްދެވުނުކަމަށް ޤަބޫލުނުކުރާ އެމަނިކުފާނުގެ ސަޕޯޓަރުންނާއި އަދި ވެރިކަން ބަދަލުވީ އެމަނިކުފާނަށް ހެއްދެވުނު ގޯސްތަކުގެ ސަބަބުން އެކަނިކަމަށް ވަކާލާތުކުރާ އެމަނިކުފާނުގެ ވާދަވެރިންވެސް އިއްތިފާޤުވާ އެއްކަމެއް އެބައޮތެވެ. އެއީ ވެރިކަން ބަދަލުވުމުގެ ތެރޭގައި އެންމެ އިސްރޯލެއް އަދާކުރެއްވީ މިހާރު ޖަލު ބަންދުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރ ކާންލް ރިޓަޔަރޑް މުޙައްމަދު ނާޒިމާއި، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ކުރީގެ ޕޮލިސް ކަމިޝަނަރ ޢަބްދުﷲ ރިޔާޒާއި އަދި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ.
އެދުވަސްވަރު އެއްބަޔަކަށް އެބޭފުޅުންނަކީ ތިން 'ބަދަވީން' ނެވެ. އަނެއް ބަޔަކަށް އެއީ ބޮޑު ތިން 'ބާޣީން' ނެވެ.
ސިޔާސީ ލީޑަރުންގެ ބަސްމަގު މި ކަމުގައި މިހާރު ގެންގުޅޭ ގޮތަކީ އެމީހުންގެ އިޚްލާސްތެރިކަން މިނާލަން އެންމެ ރަނގަޅު ނާޅިއެކެވެ. އެހެންކަމުން ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ބައެއް ބޭފުޅުން 7 ފެބްރުއަރީ ގެ ޙާދިޘާއާ ގުޅުވައިގެން ފާޅުކުރައްވަމުން ގެންދަވާ ބައެއް ޝުޢޫރުތަކަށް ނަޒަރުހިންގާލާނަމެވެ.
އެދުވަހުގެ ޙާދިޘާގައި އެންމެ ފުން އަސަރުތަކެއް ކުރާނެ ބޭފުޅަކީ، ކޮންމެ ސަބަބަކާހުރެ ނަމަވެސް އެދުވަހު ދިވެހިރާއްޖޭގެ ރައީސުލްގުމްހޫރިއްޔާގެ މަޤާމުން އިސްތިއުފާދެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. މިއަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ހެނދުނުހެނދުނާ އެމަނިކުފާނުގެ އެދުވަހުގެ ޝުޢޫރު ޓުވިޓާ މެދުވެރިކޮށް ޢާންމުކޮށްލެއްވިއެވެ. ލަވައެއްގެ ޒަރީޢާއިންނެވެ. އެމަނިކުފާނު ވިދާޅުވީ އެރޭވަރަށް ކީރިތިކުރެއްވިވާހަކައާއި އެމަންޒަރުތައް ވަރަށް ހަނދާވާ ކަމަށެވެ. އެއީ އެއްވެސް ދިވެއްސަކު ޝައްކު ކުރާނެ ޖާގައޮތް ކަމެއްނޫނެވެ. ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނަވާފައި، އިސްތިއުފާދެއްވުމަށްފަހު ގެއަށް ވަޑައިގަންނަވަންވީމާ އިންތިހާޔަށް އަސަރުކުރާނެއެވެ. އަދި އެހަނދާންތައް ހިތުގައި ބިންވަޅުނެގި ހަރުލާފައި ހުންނާނެވެސްމެ އެވެ.
މިކަމުގައި ފާހަގަކޮށްލެވޭ އަނެއް ބޭފުޅަކީ ކުރިގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ. އެމަނިކުފާނު ވެސް ވަނީ އެމަނިކުފާނުގެ ޝުޢޫރު ހަމަ ޓުވިޓާގެ ޒަރީޢާއިން ހާމަކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ ޤައުމީވަންތަ އެންމެހައި ދިވެހިންނަށް 7 ފެބްރުއަރީގެ 'އުފާވެރި' ތަހުނިޔާ ފޮނުއްވާފަ އެވެ. ރައީސް މައުމޫނަކީ އެއްބަޔަކު ދިވެހި ޤައުމުގެ 'ބައްޕަ' ކަމުގައި ސިފަކުރާ ބޭފުޅެކެވެ. ތަރައްޤީގެ ބާނީކަމުގައި ބުނާ ބޭފުޅެކެވެ. 'ތިޔައީ ޒަޢީމެއަދު، ލޮބުވެތިވި މި ދިވެހި ޤައުމު ފަޚުރުވެރިވާ….' ފަދަ ޢބާރާތްރަކުން ޘަނާކިޔާ ބޭފުޅެކެވެ.
7 ފެބްރުއަރީ 2012 ވަނަ ދުވަހަކީ ޤައުމުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި ރައްޔިތުންނަށް ބޮޑެތި ޖިސްމާނީ އަދި ނަފްސާނީ ގެއްލުންލިބިފައިވާ ދުވަހަކަށް ވީހިނދު، ރައީސް މައުމޫނު ވަނީ އެދުވަހަކީ އުފާވެރި ދުވަހެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. ރައީސް މައުމޫނު މިރާއްޖޭގައި ވެރިކަންކުރެއްވި ގޮތާމެދު ވިސްނާލާއިރު، ޤައުމަށް މެދުވެރިވާ މިފަދަ ހިތާމަވެރި އަދި ނާޒުކު ކަންކަމާ މެދު އެމަނިކުފާނު އުފާފުޅުކުރެއްވުމަކީ ހައިރާންވާ ވަރުގެ ކަމެއްނޫނެވެ. އެކަމަކު އަންތަރީސްވަނީ މިފަދަ ބޭފުޅަކު، ޤައުމު ފަޚުރުވެރިވާ ލޮބުވެތި ޒަޢީމަށް ވީމައެވެ.
ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް ކުރެވުނު އިޙްތިޖާޖުތަކުގައި މާބޮޑު ޙަޤީޤީ ބާރަކަށް ނުވިޔަސް، އަޑުގަދަކޮށް އުޅުއްވި އެއް ބޭފުޅަކީ މިހާރުގެ ހޯމް މިނިސްޓަރ އަލްފާޞިލް ޢުމަރު ނަސީރެވެ. ޤައުމުގެ ދާޚިލީ ހަމަޖެހުމާ އަދި ޢާންމު ރައްޔިތުންގެ މެދުގައި ސުލްހަ ޤާއިމްވެފައި އޮންނަކަން ކަށަވަރުކުރުމުގެ އެންމެ މަތީ ޒިންމާ އުފުއްލަވާ އެއް ބޭފުޅެއްގެ ގޮތުގައި ހުންނަވާ، ޢުމަރު ވެސް ވިދާޅުވީ އެއީ ދިވެހިރާއްޖެ އަށް 'ފަޚުރުވެރި' ދުވަހެއް ކަމުގަ އެވެ. ޤައުމީ ދުވަހާއި ހުރަވީ ދުވަސް ފަދަ ޤައުމުގެ މުހިންމު ދުވަސްތައް ފާހަގަ ކުރާ ބީދައިން 7 ފެބްރުއަރީ ފާހަގަ ކުރަންޖެހޭ ސަބަބު އަޅުގަނޑަކަށް އޮޅުމެއް ނުފިލައެވެ.
ވެރިކަން ބަދަލުވެދިޔުމާ އެންމެ ބޮޑަށް ގުޅުންހިރިކަމަށް ގިނަފަރާތްތަކަކުން އިއްތިފާގުވާ ތިން ބޭފުޅުންގެ ބަސްމަގު ހުރި ގޮތެއް ބަލައިލުމަކީވެސް މުހިންމު ކަމެކެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިތާ ތިން އަހަރު ފުރުނު އިރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމާއި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް އާއި އަދި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އާމެދު ދަނީ އަނެއްކާވެސް ބަޣާވާތެއްގެ ތުހުމަތު ކުރެވެމުންނެވެ.
ނާޒިމް ހުންނެވީ އެތުހުމަތުތަކާއެކު ތަންފީޒުކުރެވެމުންއަންނަ ޙުކުމެއްގެ ދަށުން ޖަލުގޮޅީގައި ބަންދު ކޮށްފައެވެ. 'އަނިޔާވެރިކަމާދެކޮޅަށް' މޭޑޭގެ މުޒާހަރާ އިންތިޒާމުކޮށް ލީޑުކުރުމުގެ ސަބަބުން ހިފާ ހައްޔަރުކޮށް ޢިމްރާނުގެ މައްޗަށް ވަނީ ޓެރެރިޒަމްގެ ދަޢުވާ އުފުލާފައެވެ. ރިޔާޒް ވަނީ އެމަނިކުފާނު ފްރޭމްކޮށްގެން ހައްޔަރުކުރަން އުޅޭކަމުގައި ވިދާޅުވެފައެވެ. މިކަމުގައި ދައުލަތުގެ ފަރާތުން އުފުލާފައިވާ ތުހުމަތުތަކާމެދު ރައްޔިތުން ދެކޭގޮތުގެ ވާހަކަ ދައްކާކަށް ނެތީމެވެ.
ނާޒިމާއި ޢަބްދުﷲ ރިޔާޒް، 7 ފެބްރުއަރީ ގެ ޙާދިޘާއާ ގުޅޭގޮތުން މިފަހަކުން އެއްވެސް ޚާއްސަ ބަސްފުޅެއް ވިދާޅުވެފައެއް ނެތެވެ. ނަމަވެސް އިމްރާން ގެންދަވަނީ ވަރަށް ފާޅުގައި މިކަމާމެދު ބަސްފުޅު ވިދާޅުވަމުންނެވެ. މިއަހަރުގެ ފެބްރުއަރީ އަށްވަނަ ދުވަހު އެމަނިކުފާނު ޓުވިޓާ މެދުވެރިކުރައްވާ ޝުޢޫރު ފާޅުކުރައްވާ ފައިވަނީ "7 އަދި 8 ފެބްރުއަރީ 2012 ގައި ރާއްޖެއަށް މެދުވެރިވީ ނުރައްކާތެރި، ހިތާމަވެރި ޙާލަތެއް" ކަމުގައެވެ. އަދި "މަޢާފްކޮށް އެކުވެރިވެގެން ނޫނީ ޤައުމު އިތުރަށް ކުރިޔަށް ނުގެންދެވޭނެ" ކަމުގައެވެ. ހުރިހާ ރައްޔިތުންގެ ހަމަޖެހުމާމެދު ފިކުރުކުރައްވާ އަދި އެންމެގެ އިޙްސާސްތަކަށް އިޙްތިރާމް ކުރައްވާކަން އިމްރާނުގެ ބަސްފުޅުން ދޭހަވެއެވެ. އަދި ޢިމްރާނާ އެހެން ސިޔާސީ ބޭފުޅުންނާ ހުރި ތަފާތު ވަރަށް ބޮޑުކަން އެމަނިކުފާނުގެ ޝުޢޫރުތަކުން ސާފުވެއެވެ.
ޝައިޚް ޢިމްރާން ވަނީ އޭގެ އެއްހަފްތާ ފަހުން އެމަނިކުފާނުގެ ވިސްނުންފުޅު އަނެއްކާވެސް އިތުރަށް ތަފްސީލުކޮށްދެއްވާފައެވެ. މިއަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު 'ހަވީރު' ނޫހުގައި ޝާއިއު ކުރި ޢިމްރާންގެ މަޒުމޫނެއްގައި މިކަމާމެދު ލިޔުއްވާފައިވަނީ ”އެދުވަހު މި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން އެދެމުން ދިޔަ ބައެއް ކަންކަން ޙާޞިލްވި ނަމަވެސް އެއީ ހިތާމަވެރި ދުވަހެކެވެ. އެދުވަހު ހިނގި ކަންކަމަކީ ކާމިޔާބީއެއްގެ ގޮތުގައި ދުށްޓަސް އެއީ "ހިތާމަވެރި ކާމިޔާބީއެކެ"ވެ. އެއީ ގައުމެއްގެ ހަޔާތުގައި އުފާކުރުން ޙައްޤު ކަންކަމެއް ނޫނެވެ. ގައުމުގެ ދާޚިލީ ދެބަސްވުމެއްގައި އެއްބަޔަކަށް، އަނެއް ބައެއްގެ މައްޗަށް ކުރި ލިބުމަކީ "ފަޚުރުވެރި ކާމިޔާބީއެއް"ގެ ގޮތުގައި ދުށުމަކީ ތަހުޒީބު ވިސްނުމެއް ނޫނެވެ. ވަކިން ޚާއްޞަކޮށް އޭގެ ވިދިގެން އައި ދުވަހު ރައްޔިތުންނާއި ދައުލަތުގެ ތަކެއްޗަށް ގެއްލުންދީ އަނދާ އަޅިޔަށް ވި ހާދިސާ އާއި ސަލާމަތީ ބާރުތަކާއި އާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އެތައް ބަޔަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުން ލިބިފައިވާ ހިނދު، އުފާފާޅުކޮށް އެކަން ފާހަގަކުރުމަކީ ގައުމާއި ރައްޔިތުންނާ މެދު ފިކުރު ހިންގާ ލީޑަރުން ކުރާ ބާވަތުގެ ކަންކަމެއް ނޫނެވެ."
ކަންމިހެން ހުރިއިރު، ޤައުމަށް ވަފާތެރިވެ، ރައްޔިތުންގެ ލާބަޔަށް ވިސްނާ، ޤައުމީ ރޫހެއްގައި ކަންކުރަނީ ކޮންބައެއްކަން ނިންމާނީ ދިވެހި ރައްޔިތުންނެވެ. އަދި ތިމާމެންގެ ޒާތީ މަންފާތައް ޙާސިލްކުރަންވެގެން ރައްޔިތުން ޤުރުބާންކޮށް ވާވައްދައިގެން ގެންގުޅެނީ ކޮންބައެއްތޯ ނިންމާނީވެސް ހަމަ ރައްޔިތުންނެވެ.