ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާން ވާނީ ރާއްޖެ އާއި ދިވެހިންގެ ހައްގުގައި ވަކަލާތު ކުރުން ކަމަށް ރައިސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމު ކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ބްރޯޑްކާސްޓް ކުރުމަކީ އަމާނާތެއް ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
— Dr Mohamed Muizzu (@MMuizzu) October 4, 2024
"ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ، ދިވެހިރާއްޖެ އާއި ދިވެހި ޤައުމުގެ ޙައްޤުގައި ވަކަލާތުކުރުން." ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ބްރޯޑްކާސްޓިން ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 4 ގަ އެވެ. އެގޮތުން 1962 ވަނަ އަހަރު ރާއްޖޭގައި ރަސްމީކޮށް ފުރަތަމަ ފެށި ބްރޮޑްކާސްޓް ހިދުމަތަކީ ދިވެހި ރާއްޖޭގެ އަޑެވެ. އަދި ރާއްޖެ އަށް ޓީވީ ބްރޯޑްކާސްޓިން ތައާރަފުވީ 1978 ގަ އެވެ.