Last Updated: December 5, 06:25
Thursday, December 5, 2024
ޚަބަރު

އަންހެނުންނަށް އަނިޔާކުރުމަކީ ހަޑިހުތުރު އަމަލެއް

އަންހެނުންނަށް އަނިޔާކުރުމަކީ ހަޑިހުތުރު އަމަލެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ އަންހެނުންނަށް އަނިޔާކުރުމަކީ ފައިދާއެއް ނެތް، ގެއްލުންހުރި ހަޑިހުތުރު އަމަލެއް ކަމަށާއި އެއީ ހަލާލު އަނބިމީހާ އަށް ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުން ވިޔަސް އަނިޔާކުރުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.

"މާތްﷲ ފިރީންނަށް އަންގަވަނީ އެމީހުންގެ އަނބީންނާއެކު ރިވެތި ގޮތުގައި މުއާމަލާތު ކުރުމަށެވެ،" ހުތުބާގައި ވެ އެވެ.

ގެވެށި އަނިޔާގެ ރޯގާ އަހަރެމެންގެ ގޭތެރޭގައި ވަކިހިއްޕަމުން ދަނީ ބައްޕައާއި ދަރީންނާ ދެމެދުގައާއި މަންމައާއި ދަރީންނާ ނުވަތަ ފިރިމީހާއާއި އަނބިމީހާއާ އަދި އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުޢާމަލާތުތަކުގެ ސަބަބުން ކަމަށް ހުތުބާގައި ބުންޏެވެ.

ބައެއް ފިރިހެނުން ހަރުކަށި އިބާރާތުން މުޢާމަލާތުކުރަނީ އަޚްލާޤު ރަނގަޅު ޢިލްމުވެރި ބަޔަކަށް އެ މީހުންގެ ދަރީން ހެދުމަށްޓަކައި ކަމަށާއި ދަރީން ރަނގަޅަށް ބަލަހައްޓާ ކިޔަމަންތެރި އަތްނބަކު ގޭގައި ބޭންދުމުގައި ބޭނުމުގައި ކަމަށްވާއިރު، ފިރިހެނާގެ މި އަމަލުގެ ނަތީޖާއަކީ، އަނބިމީހާއާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވުން ކަމަށް ބުނެފައިވެ އެވެ.

"އަމާންކަންމަތީ އޮންނަންޖެހޭ ގޭތެރެ ނާމާންވުމެވެ. ހިތްހަމަޖެހުން އޮންނަން ޖެހޭ ގޭތެރެ ހިތްދަތިވުމެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ، އޭނާގެ ފިރިހެންވަންތަ ކަމަށް ލިބޭ އުނިކަމެއް ނޫން ކަމަށާއި ހަގީގަތަށް ބަލާއިރު، ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމާއި އޭނާގެ ރިވެތި އަޚުލާޤުގެ މަތީގައި ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ.